ދުވާލެއްގެ މައްޗަށް 400 މިލިއަން މީހުން އިންސްޓަގްރާމު ސްޓޯރީ ބޭނުންކުރާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިންސްޓަގްރާމުގެ ސްޓޯރީ ފީޗާ ބޭނުންކުރާ މީހުންގެ އަދަދު އުޅުނީ 250 މިލިއަނުގައެވެ.
ސްނެޕްޗެޓުގެ ސްޓޯރީ ފީޗާ އަސްލަކަށް ބަލައިގެން ޑިވެލޮޕްކުރި އިންސްޓަގްރާމުގެ ސްޓޯރީ ފީޗާގައި ސްނެޕް ޗެޓް އެކޭ އެއްގޮތަށް ގިނަ ފަންކްޝަންތަކެއް ވަނީ މިހާރު ހިމަނައިފައެވެ. އަދި ޔޫޒަރުންގެ މެދުގައި މަގުބޫލުކަން އިތުރުކުރުމަށް އިންސްޓަގްރާމުން ގެންދަނީ އެޕްލިކޭޝަންގެ ގިނަ ފީޗާ ތަކަށް ބަދަލުވެސް ގެންނަމުންނެވެ.
ސްނެޕްޗެޓުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ސްނެޕްޗެޓްގެ ސްޓޯރީ ފީޗާ ބޭނުންކުރަނީ 191 މިލިއަން މީހުންނެވެ.
އިންސްސޓަގްރާމުން ސްޓޯރީ ތައާރަފްކުރުމުން ކުރިމަތިވި ފާޑުކިޔުމަކީ، ސްނެޕް ސްޓޯރީ ކޮޕީކޮށްގެން އުޅެނީކަމަށް ބުނެ ދެއްކި ވާހަކަތަކެވެ. އެގޮތުން ސްނެޕް ސްޓޯރީ ފަދައިން 24 ގަޑިއިރު ވުމުން އޮޓޯއިން ސްޓޯރީ ޑިލީޓްވުމާ، ތަފާތު ފިލްޓާތައް ހިމެނުން ފަދަ ކަންތައް އޭރު ފާހަގަކުރިއެވެ. ފަށައިގަތްއިރު ސްނެޕްޗެޓުން އިންސްޓަގްރާމަށްވުރެ ކުރި ހޯދި ނަމަވެސް މިހާރު އިންސްޓަގްރާމު ސްޓޯރީއަށް އޮތް މަގުބޫލުކަން ވަނީ އިތުރު ވެފައެވެ.
އިންސްޓަގްރާމު ސްޓޯރީ އަށްލާ ފޮޓޯ އާއެކު މިއުޒިކް ޓްރެކްސް ލެވޭ ފީޗާއެއްވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
އިންސްޓަގްރާމުގެ އެވްރެޖް މަންތްލީ ޔޫޒަރުންގެ އަދަދު ބިލިއަނަކަށް އަރާފައިވާކަމަށް އެކުންފުނިން ވަނީ އާންމުކޮށްފައެވެ.