ނަޝީދު ކުރިމަތި ނުލަނީއެއް ނޫން، ކުރިމަތި ނުލެވެނީ: އަދުރޭ

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް(ކ) އަދި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު ނިހާން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތް ކުރީގެ ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަން އިއުލާން ކުރައްވައި އަމަނިކުފާނަށް ލިބިވަޑައިގަތް ޓިކެޓް ދޫކޮށްލަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ވަރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ ނަޝީދު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި ހަގީގަތަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނަށް ކުރިމަތި ނުލެއްވެނީ ކަމަށެވެ.

ނަޝީދުގެ ނިންމުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް އެބޭފުޅުން ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

ރިޔާސީ ޓިކެޓް ދޫކޮށްލެއްވިކަން ހާމަކުރައްވައި ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެތީ އެކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ. އަދި ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ގަސްދުކުރައްވަނީ މާދަމާ އއ. އުކުޅަހުގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތެއް ވަނީ އުނިވެފައެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބޭރުގެ ރައްޔިތުކަން އޮތް ފަރާތެއް ނަމަ ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ ބޭރުގެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅާ އިސްލާހެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން އެ ބިލު ދިރާސާކުރި އިރު، ބޭރު ގައުމެއްގެ ހިމާޔަތް ހޯދައިގެން އުޅޭ މީހަކަށްވެސް އިންތިޚާބުގައި ވާދަކުރެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ބުނާ އިސްލާހެއް ގެނެސް އެ ބިލު ކޮމިޓީން ފާސްކޮށްފައެވެ.

comment ކޮމެންޓް