ދިވެހި ޕްރިމިއާ ލީގު ފަށާނީ ޗެމްޕިއަނުންގެ ކުރިމަތިލުމަކުން!

ތިމަރަފުށިން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި މާލޭ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ މާލޭ ލީގުގައި ނިއުއިން ކުޅުނު 14 މެޗުގެ ތެރެއިން އެޓީމުން ވަނީ 12 މެޗުން މޮޅުވެފައެވެ. ބަލިވީ ފުރަތަމަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ. ދެން އެޓީމަށް ގެއްލުނު ޕޮއިންޓަކީ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ.

މާލޭ ލީގުގައި ނިއުއިން ވަރުގަދަ ކުޅުމެއް ދެއްކި އިރު، އެޓީމުން ދިވެހި ޕްރިމިއާ ލީގަށް އަންނަނީ ބަދަލުތަކަކާއެކުގައެވެ. ހާއްސަކޮށް ޓީމުގެ ސްކޮޑަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.

ޓީމު ލީޑުކޮށްގެން، ކެޕްޓަން ބޭންޑާއެކު މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައިވާ އިރު، އޭނާ ނިއުގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމްއަށް އެދިފައި ވަނީ ނިއުއިން އެގްރީމަންޓާ އެއްގޮތަށް މުސާރަ ނުދޭތީ ކަމަށް ބުނެއެވެ.

އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އޭގެ އިތުރުންވެސް ނިއުއަށް ކުޅުނު އަފްޣާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީވެސް ޓީމުގެ ކޮންޓްރެކްްޓްގައި ހުރެ، ޓީމު ދޫކޮށް ވަނީ ގޮސްފައެވެ. އޭނާވެސް ޓީމު ދޫކޮށްދަމުން ބުނެފައި ވަނީ ނިއުއިން ކޮންޓްރެކްޓްގައި ވާ ގޮތަށް މުސާރަ ދީފައި ނުވާ ކަމަށާއި، ކްލަބުން ކަންކުރީ ޒިންމާ ދާރުކަން ކުޑަކޮށް ކަމަށެވެ.

އަމީރީގެ ވާހަކަތައް ނިއުއިން ދޮގުކޮށްފައިވާ އިރު، ކްލަބުން ބުނީ އަމީރީ ވާހަކަ ދެއްކީ ކްލަބު ބަދުނާމު ކުރުމަށް ކަމަށެވެ. ނިއު ރޭޑިއަންޓުން ދިވެހި ޕްރިމިއާ ލީގަށް ނުކުންނަ އިރު، ޓީމަށް ބަދަލުތަކެއް އައިސްފައިވާ ނަމަވެސް އެޓީމުން ވަނީ ޓީމު ވަރުގަދަ ކުރުމަށް ޓްރާންސްފާތަކެއްވެސް ކޮށްފައެވެ. އެގޮތުން ދަގަނޑޭ ނެތްތައް ފޫބެއްދުމަށް ތުރުކުމެނިސްތާން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާމިރު ގުރުބާނީއާއި ރުވާންޑާގެ ގައުމީ ޓީމަށް ކުޅެފައިވާ އަތުއިރޭ ކިޕްސަންވެސް ނިއުއިން ވަނީ ގެނެސްފައެވެ.

ނިއުއާ ދެކޮޅަށް ނުކުންނަ ތިމަރަފުއްޓަކީ އަތޮޅު ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ބާރެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅުނު ތިމަރަފުށި، އެ އަހަރުގެ ފައިނަލްގައި ބަލިވީ ބ. އޭދަފުށި އަތުންނެވެ.

ތިމަރަފުށިން ދިވެހި ޕްރިމިއާ ލީގަށްވެސް ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިން އިބްރާހިމް އާމިރުގެ އިރުޝާދުގެ ދަށުންނެވެ.

ތިމަރަފުށިން އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ ---

ތިމަރަފުއްޓަކީ މިހާރުވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ގިނަ ކުޅުންތެރިންތަކެއްގެ އުފަން ރަށެވެ. ކުޅުންތެރިން އުފެއްދުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށްވެސް އެޓީމު ނުކުތީ ޒުވާން ކުޅުންތެރިންތަކަކާ އެކީގައެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިން ގިނަ ތިމަރަފުށިން ޕްރިމިއާ ލީގަށް ސްކޮޑު އެކުލަވާލި އިރު، މާލޭގައި ދިރިއުޅޭ އެ ރަށުގެ ގިނަ ކުޅުންތެރިން ވަނީ ޓީމާ ގުޅިފައެވެ. އަދި ބިދޭސީ ހަތަރު ކުޅުންތެރިން ޓީމަށް ގެންނަން ނިންމާފައިވާ އިރު، އެއް ކުޅުންތެރިއަކު އަދި ޓީމާ ނުގުޅެއެވެ.

ޓީމު އެކުލަވާލުމާއި ޓީމުގެ މަސައްކަތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ޓީމުން ފާހަގަކުރީ ބަޖެޓްގެ ދަތިކަމަށެވެ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިސްޓަމެއް މިދިޔަ އަހަރު އެފްއޭއެމްއިން އެކުލަވާލައިފައިވާ އިރު، ތިމަރަފުށިން ބުނީ އެ ފައިސާ އަދި ޓީމަށް ހަމަ ނުޖެހޭ ކަމަށެވެ.

ފައިސާ ހަމަ ނުޖެހި އޮތުމުން ޓީމަށް މިއަދުގެ މެޗަށް އަދި ފުރިހަމައަށް ތައްޔާރުވެވިފައިނުވާ ކަމަށް ޓީމުން ބުނެފައިވާ އިރު، ޓީމުން މައުލޫމާތު ދީފައި ވަނީ ފައިސާ ހަމަ ނުޖެހި އޮތުމަކީ ކުރިއަށް އޮތް ތަނުގައި ލީގުގައި ވާދަކުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. އަދި މިހާރު ޓީމުގެ ކަންކަން ކުރަމުންދަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމުގެ އިތުރުން ދަރަންޏަށް ކަމަށާއި، ފައިސާގެ ދަތިކަން ހުރުމުން ވަރަށް ބޮޑަށް ސަރުކާރު މެދުވެރިކޮށްދޭ ފައިސާއަށް ބަރޯސާ ވާކަމަށްވެސް ޓީމުން ބުނެއެވެ.

އެކަމާ ގުޅިގެން އެފްއޭއެމްއިން ބުނީ ތިމަރަފުއްޓާއެކު ސޮއިކުރަން ހަމަޖެހިފައިވާ މިފްކޯއާއެކު ސޮއި ނުކުރެވި އޮތީ ލީގަލް ކަންތައްތަކެއް ހުރުމުން ކަމަށާއި، ވީހާވެސް އަވަހަށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މިއަހަރުގެ ޕްރިމިއާލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. މި އަހަރުގެ ޕްރިމިއާ ލީގު ކުޅޭނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް ދެވަނަ ބުރަށް ދާނީ އެންމެ މޮޅު އަށް ޓީމެވެ. އަނެއް ދެ ޓީމު ކަޓާނެއެވެ.

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސާ އެކަން އިއުލާން ކުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމްގެ ސްޓްރަކްޗަރަށް ގެނައި ބަދަލާއެކު ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރޭގެ ޓީމުތައް ހިމަނައިގެން ކުޅޭ ގޮތަށް އިއުލާން ކުރީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމާއި މާލޭ ލީގުގެ ހަތަރު ޓީމާއެކު ޖުމްލަ އަށް ޓީމު ވަނީ ވާދަކޮށްފައެވެ.

މިދިޔަ އަހަރު އަށް ޓީމު ވާދަކުރި ނަމަވެސް މިއަހަރުގެ ޕްރިމިއާ ލީގުގައި ދިހަ ޓީމު ވާދަކޮށް، މާލޭ ލީގުގެ ގަދަ ހައެއް ޕްރިމިއާ ލީގަށް ދާ ގޮތަށް ސިސްޓަމަށް ބަދަލު ގެނައީ މިދިޔަ އަހަރު ޑިސެންބަރު ފަހުކޮޅުގައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުއްޓާއި ނިއު ރޭޑިއަންޓް ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައެވެ.

comment ކޮމެންޓް