ފަހު ވަގުތު ނައިޖީރިއާ ކަޓުވާލައި، މެސީއާއި އާޖެންޓީނާއަށް ހިނިތުންވުން

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފަހު ވަގުތު ނައިޖީރިއާ ކަޓުވާލައި، އާޖެންޓީނާއިން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުގައި ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ގަދަ 16ގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު އާޖެންޓީނާއާއި ނައިޖީރިއާގެ އިތުރުން އައިސްލެންޑަށް ވެސް އޮތެވެ.

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގްރޫޕް ޑީގެ އެއްވަނައިގައި ނިންމާލި ކްރޮއޭޝިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި އާޖެންޓީނާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނައިޖީރިއާއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އައިސްލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗަށް އާޖެންޓީނާއިން ނުކުތީ ބަދަލުތަކަކާއެކުއެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11ގައި ނުހިމެނުނު ހަ ކުޅުންތެރިޔަކު މިރޭގެ މެޗުގެ ފުރަތަމަ 11އިން ފެނިގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ވިލީ ކަބަޔެރޯގެ ބަދަލުގައި ފްރެންކޯ އަރްމާނީ، އާޖެންޓީނާގެ ގޯލުން ފެނުމެވެ.

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ލަނޑުޖަހައި އާޖެންޓީނާއިން ލީޑު ހޯދީ 14 ވަނަ މިނެޓުގައެވެ. އެވާ ބަނޭގާ ދިން ބޯޅައަކުން އާޖެންޓީނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އެ ލަނޑަކީ މިއަހަރުގެ ވޯލްޑް ކަޕްގައި މެސީގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއަށް ލީޑު ފުޅާކޮށްލުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެސީ ދިން ބޯޅައަކުން ގޮންޒާލޯ ހިގުއައިން ފޮނުވާލި ހަމަލާއެއް ނައިޖީރިއާގެ ގޯލްކީޕަރު ފްރެންސިސް އުޒޯހޯ ދިފާއުކުރި އިރު، މެސީގެ ހިލޭ ޖެހުމެއް ނައިޖީރިއާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ 51 ވަނަ މިނެޓުގައި ނައިޖީރިއާއިން ނަތީޖާ ހަމަހަމަކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރްގެ އެހީގައި ނައިޖީރިއާއަށް ލިބުނު އެ ޕެނަލްޓީއަކީ އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހާވިއާ މަޝެރާނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ނައިޖީރިއާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ގަދަ 16ގެ އުންމީދު އާކޮށްދިނީ ވިކްޓަ މޮސެސްއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ވެސް ނައިޖީރިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަހްމަދު މޫސާ ދިން ބޯޅައަކުން ބަދަލު ކުޅުންތެރިޔާ އޮޑިއޮން އިގާލޯ ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން މާކޮސް ރޮހޯގެ އަތުގައި ބޯޅަ ޖެހުނުތޯ ބެލުމަށް ރެފްރީ، ވީއޭއާރްގެ އެހީ ހޯދި ނަމަވެސް ނިންމުމަކަށް ވެގެންދިޔައީ ޕެނަލްޓީއެއް ދޭން ނުޖެހޭ ހާލަތަކަށެވެ.

އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ނައިޖީރިއާގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އިރު، ނައިޖީރިއާއިން ވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރިއެވެ. އެގޮތުން ނައިޖީރިއާގެ އިގާލޯ ފޮނުވާލި ހަމަލާއެއް އާޖެންޓީނާގެ ކީޕަރު އަރްމާނީ ދިފާއުކުރި އިރު، ނައިޖީރިއާގެ އޮގެނެކަރޯ އެޓެބޯ ފޮނުވާލި ހަމަލާއެއް އަމާޒުވީ އާޖެންޓީނާ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

އާޖެންޓީނާއިން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރި ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ގެބްރިއަލް މަސޭޑޯ ނަގައިދިން ހުރަހަކުން އާޖެންޓީނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މާކޮސް ރޮހޯއެވެ.

ގަދަ 16ގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00ގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ގްރޫޕް ސީގެ އެއްވަނަ ފްރާންސްއާ ދެކޮޅަށެވެ.

comment ކޮމެންޓް