ފްރާންސްއާއެކު ޑެންމާކް ގަދަ 16އަށް

ފީފާ ވޯލްޑް ކަޕްގައި ފްރާންސްއާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

ފްރާންސްއާއެކު ޑެންމާކުން ވޯލްޑް ކަޕް ގަދަ 16އިން ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސްޓޭޑިއޮން ލުޒްނިކީ ސްޓޭޑިއަމްގައި ފްރާންސްއާއި ޑެންމާކް ބައްދަލުކުރި 'ގްރޫޕް ސީ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއީ މިއަހަރުގެ ވޯލްޑް ކަޕް މެޗެއް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރެވެ.

ގްރޫޕް ސީގެ އެއްވަނައިގައި ނިންމާލި ފްރާންސަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ޑެންމާކަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ޕެރޫއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި ނިންމާލި އޮސްޓްރޭލިއާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ފީފާ ވޯލްޑް ކަޕްގައި ފްރާންސްއާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

މިރޭގެ މެޗަށް ފްރާންސް ނުކުތް އިރުވެސް އެޓީމަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން މެޗަށް ފްރާންސް ނުކުތީ ބަދަލުތަކަކާއެކުއެވެ. އެޓީމުގެ ގޯލުން ކީޕަރު ހޫގޯ ލޮރިސްގެ ބަދަލުގައި ސްޓީވް މަންޑަންޑާ ފެނިގެންދިޔަ އިރު، ސެމިއުލް އުމްޓިޓީއާއި ބެންޖަމިން ޕަވާޑުގެ ބަދަލުގައި ފެނިގެންދިޔައީ ޕްރެސްނެލް ކިމްޕެމްބޭއާއި ޖިބްރީލް ސިޑިބޭއެވެ. ފްރާންސްގެ ކީލިއާން އެމްބާޕޭއާއި ބްލައިސް މަޓުއިޑީ އަދި ޕައުލް ޕޮގްބާގެ ބަދަލުގައި މެޗު ފެށީ ތޯމަސް ލެމާއާއި ސްޓީވަން އެންޒޮންޒީ އަދި އޮސްމާނޭ ޑެމްބެލޭއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓީމަށް ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ރަނގަޅަށް ޓެސްޓުކޮށްލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޑެންމާކަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، 25 ޔާޑު ދުރުން އެރިކްސަން ފޮނުވާލި ހިލޭ ޖެހުން، އުނދަގުލަކާ ނުލައި ފްރާންސްގެ ކީޕަރު މަންޑަންޑާ ވަނީ ބޯޅަ ހޯދައިފައެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ފަރާތުން ހަމަލާއެއް ފެނިގެންދިޔައެވެ. ވަރާން ބޮލުން ފޮނުވާލި ހަމަލާ ޑެންމާކުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފީފާ ވޯލްޑް ކަޕްގައި ފްރާންސްއާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އޭޕީ

ދެވަނަ ހާފުގައި އެންޓޮއިން ގްރީޒްމަންއާއި ޑެމްބެލޭގެ ބަދަލުގައި ނަބީލް ފެކީރްއާއި އެމްބާޕޭ ކުޅެން ނުކުތުމާއެކު ފްރާންސްގެ ނުރައްކާ ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސްގެ ފެކީރް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ހަމަލާގެ ހުރަހަކަށްވީ ޑެންމާކްގެ ކީޕަރު ޝްމައިކަލްއެވެ.

ގަދަ 16ގައި ފްރާންސްއާއި ޑެންމާކް ނުކުންނަން ޖެހޭ ޓީމުތައް އެނގިގެންދާނީ މިރޭ ކުޅޭ 'ގްރޫޕް ޑީ'ގެ ފަހު މެޗުތަކަށްފަހުއެވެ. ގަދަ 16ގައި ފްރާންސް ނުކުންނަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނައާ ދެކޮޅަށެވެ. އަދި ޑެންމާކް ނުކުންނަން ޖެހޭނީ އެ ގްރޫޕްގެ އެއްވަނައާ ދެކޮޅަށެވެ.

މިރޭ 11:00ގައި ނައިޖީރިއާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު، އައިސްލެންޑް ނުކުންނަން ޖެހޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް