އައިފާ އެވޯޑްސް: އެންމެ މޮޅު އެކްޓަރުންނަކީ ސްރީދޭވީ އާއި އިރްފާން ޚާން

ނިމިގެން ދިޔަ 19 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު އެކްޓަރުންގެ ގޮތުގައި ސްރީދޭވީ އަދި އިރްފާން ޚާން ހޮވިއްޖެ އެވެ.

ސްރީދޭވީއަށް އެވޯޑު ލިބުނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "މޮމް" އިންނެވެ. މިދިޔަ ފެބުރުއަރީ މަހު ދުނިޔެ ދޫކުރި އެކްޓަރުގެ އެވޯޑާ ހަވާލުވީ ފިރިމީހާ ބޯނީ ކަޕޫރު އެވެ.

އިރްފާން ޚާން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ ފިލްމު "ހިންދީ މީޑިއަމް" އިންނެވެ. އޭގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމުގެ ޑައިރެކްޓަރު ސާކެތު ޗޯދުރީ އެވެ.

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރަކަށް ހޮވުނީ ބަތަލާ ކޮންކަނާ ސެން ޝަރްމާ އެވެ.

އައިފާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ ވިދްޔާ ބާލަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ތުމްހާރީ ސުއްލޫ" އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑު ލިބުނީ ފިލްމު "މޮމް" އިން ނަވާޒުއްދީން ސިއްދީޤީ އަދި ފިލްމު "ސީކްރެޓް ސުޕަސްޓާ" އިން މެހެރް ވިޖް އަށެވެ.

އަރިޖީތު ސިންގް އަދި ރޭކާ މިޝްރާ އަށް އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިންގެ އެވޯޑު ލިބުނު އިރު އެންމެ މޮޅު މިޔުޒިކްގެ އެވޯޑު ގެންދިޔައީ ފިލްމު "ބަދްރީނާތު ކީ ދުލްހަނިއާ" އެވެ.

އަހަރުގެ ސްޓައިލް އައިކޮން އަކަށް ހޮވުނީ ފިލްމު "ބަރޭލީ ކީ ބަރްފީ"ގެ ބަތަލާ ކްރިތީ ސެނަން އެވެ.

އައިފާ އެވޯޑްގެ 2018ގެ ޓެކްނިކަލް އެވޯޑުތައް ގެންގޮސްފައި ވަނީ ފިލްމު "ޖައްގާ ޖާސޫސް"، "ބަރޭލީ ކީ ބަރްފީ"، "ޝުބް މަންގަލް ސާވްދާން" އަދި "ނިއުޓަން" އިންނެވެ.

ގިނަ އެވޯޑުތަކެއް ދިން ހަފްލާގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ. އަދި ވަރުން ދަވާން، އަރްޖުން ކަޕޫރު، ޝްރައްދާ ކަޕޫރު ފަދަ ފަންނާނުންގެ ވަރަށް ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ.

ޚާއްސަކޮށް ބަތަލާ ރޭކާގެ ހުށަހެޅުން ފާހަގަކޮށްލެވެ އެވެ. އެއީ ފާއިތުވި 20 އަހަރު ތެރޭގައި ރޭކާ ސްޓޭޖެއްގެ މަތިން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ބެންކޮކުގައި ނިމިގެން ދިޔަ ކުލަގަދަ ހަފްލާ ހުށަހަޅައިދިނީ ޕްރޮޑިއުސަރު،ޑައިރެކްޓަރު ކަރަން ޖޯހަރު އަދި އެކްޓަރު ރިތޭޝް ދޭޝްމުކް އެވެ.

އެވޯޑުތައް ކާމިޔާބު ކުރި ފަރާތްތައް:
އެންމެ މޮޅު އެކްޓަރު (ފިރިހެން): އިރްފާން ޚާން - ހިންދީ މީޑިއަމް

އެންމެ މޮޅު އެކްޓަރު (އަންހެން): ސްރީދޭވީ - މޮމް

އެންމެ މޮޅު ފިލްމު: ތުމްހާރީ ސުއްލޫ

އެންމެ މޮޅު ޑައިރެކްޓަރު: ސާކެތު ޗޯދުރީ - ހިންދީ މީޑިއަމް

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން): ނަވާޒުއްދީން ސިއްދީޤީ - މޮމް

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): މެހެރް ވިޖް - ސީކްރެޓް ސުޕަސްޓާ

އެންމެ މޮޅު މިޔުޒިކް: ބަދްރީނާތުކީ ދުލްހަނިއާ

އެންމެ މޮޅު ލިރިކްސް: މަނޯޖް މުންތަޝީރް (މޭރޭ ރަޝްކޭ ޤަމަރް)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން): އަރީޖީތު ސިންގ (ހަވާޔޭ)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން): ރޭކާ މިޝްރާ (ސީކްރެޓް ސުޕަސްޓާ)

ސްޓައިލް އައިކޮން: ކްރިތީ ސެނަން

comment ކޮމެންޓް