ޑަޔާނާގެ ކައިވެނި ޓިއާރާ، އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެންޏަށް

ޑަޔާނާ އަށް ބޮޑުދައިތަ ކިޔާ ސީލިއަ އޭނާގެ ކައިވެނި ހަފްލާގައި ވަނީ ޑަޔާނާގެ ޓިއާރާ ބޭނުންކޮށްފައި---

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްއާއި އޭނާގެ ކުރީގެ އަނބިކަނބަލުން ޕްރިންސެސް ޑަޔާނާގެ ކައިވެނީގައި ޑަޔާނާ ބޮލުގައި އެޅުއްވި ޓިއާރާ (ތާޖު)، ޑަޔާނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނީގައި ބޭނުންކޮށްފިއެވެ.

ޕްރިންސަސް ޑަޔާނާގެ ދައްތަ ލޭޑީ ސާރާ މެކޯކަޑޭލްގެ ދަރިކަނބަލުން ސީލިއާ މެކޯކަޑޭލްގެ ކައިވެނި ހޮނިހިރު ދުވަހު އޮތް އިރު، އޭނާ ކައިވެނި ބައްލަވައިގަތީ ޖޯޖް ވުޑްހައުސްއާ އެވެ.

ޕްރިންސް ވިލިއަމްއާއި ޕްރިންސް ވިލިއަމްގެ ދެބޭންގެ ދެދަރި ކޮއްކޮ ސީލިއާގެ ކައިވެނި ޚާއްސަވީ، އެ ދެ ބޭފުޅުންގެ މައިންބަފައިންގެ ކައިވެނި ހަފްލާގައި މަންމާފުޅު ޑަޔާނާ ބޮލުގައި ތުރުކުރެއްވި ޓިއާރާ، ސީލިއާ ބޭނުންކުރެއްވުމުންނެވެ.

ޑަޔާނާގެ ޓިއާރާއަކީ ޑަޔާނާ ނިސްބަތްވާ ސްޕެންސާ އާއިލާގެ ތަރިކައެކެވެ. "ސްޕެންސާ ޓިއާރާ"ގެ ނަމުން މަޝްހޫރު އެ ޓިއާރާއަކީ ޑަޔާނާގެ ދޮށީ ދެ ދައްތައިންވެސް ކައިވެނީގައި ބޭނުންކުރެއްވި ޓިއާރާއެވެ. އޭގެ ތެރޭގައި ސީލިއާގެ މަންމަ ސާރާ މެކޯކަޑޭލްވެސް ހިމެނިވަޑައިގަންނަވައެވެ.

ހޮނިހިރު ދުވަހު ސީލިއާއާއި ޖޯޖްގެ ކައިވެނި ހަފްލާގައި ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރިންސް ހެރީ އާ މޭގަން ކައިވެނި ބައްލަވައިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ޒީނަތްތެރިކުރީ ޕްރިންސަސް ޑަޔާނާއަށް އެންމެ ކަމުދާ މާމެލާމެލިންނެވެ.

އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެންނެވި ޕްރިންސެސް ޑަޔާނާ އަވަހާރަވީ ފްރާންސްގެ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، 1997 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.

comment ކޮމެންޓް