ޗައިނާގެ ޓެކްނޮލަޖީ ސާމާނުން ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފި

ވައިޓް ހައުސް --

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ޓެކްނޮލަޖީ އާ ގުޅުންހުރި ސާމާނުން 25 ޕަސެންޓުގެ ޑިއުޓީއެއް ނަގަން އެމެރިކާއިން ނިންމައިފިއެވެ.

އެގޮތުން 1000 އައިޓަމަކުން ޑިއުޓީ ނެގުމަށް ނިންމައި އެމެރިކާއިން ވަނީ ލިސްޓެއް އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރު ޓެކްނޮލަޖީއާ ގުޅުންހުރި ގިނަ އަދަދެއްގެ ސާމާނުގެ އިތުރުން ޖެނެރަލް ޓެކްނޮލަޖިކަލް އުފެއްދުންތައްވެސް ހިމެނެއެވެ. ޓެކްސް ނަގާ ތަކެތީގެ ލިސްޓަށް ބަލާއިރު ޓަޗް ސްކްރީން، ފޯނުގެ ބެޓެރީ، ކޮމްޕިއޓަރު ހާޑްވެއާ، ރޭޑިއޯ ރިސީވަރު އަދި ކެމެރާ ފަދަ އުފެއްދުންތައް ހިމެނެއެވެ. މި ލިސްޓުގައި ފައިބަރ އޮޕްޓިކް ކޭބަލް ހިމަނައިފައެއް ނުވެއެވެ.

މީގެ އިތުރުން ޓީވީ ސެޓް އަދި މޮބައިލް ފޯނުވެސް ހިމަނައިފައެއް ނުވެއެވެ.

މިއީ ޗައިނާގެ "މޭޑް އިން ޗައިނާ 2025" އިނިޝިއޭޓިވް އާ ގުޅުވައިގެން ނަގަން ފެށި ޓެކްސް އެކެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ޗައިނާއިން އެތެރެކުރާ 515 ބާވަތަކުން ޓެކްސް ނަގައިފައެވެ. އޭޕްރީލް މަހު އެ ލިސްޓަށް އިސްލާހު ގެނެސް އިތުރު 284 އައިޓަމެއް ވަނީ ލިސްޓަށް އިތުރުކޮށްފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، އެގައުމުގެ ޓެކްނޮލަޖީ ކުންފުނިތައް ބަނގުރޫޓުވާތަން ދެކެން ބޭނުން ނޫން ކަމަށާއި މިއީ ޗައިނާއިން ގެންގުޅޭ ނަހަމަ އިގްތިސާދީ ސިޔާސަތުތަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށެވެ. އާ ލިސްޓާއެކު ނަގާ ޓޭރިފުން އެމެރިކާއަށް 50 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.

އިތުރު އައިޓަމްތަކެއް ލިސްޓަށް އިތުރު ކުރާނެކަންވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ރައްދުގައި ޗައިނާއިން ބުނީ އެގައުމުންވެސް އެފަދަ ލިސްޓެއް އެކުލަވާލައި، ހަމަހަމަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާއިން ޗައިނާއަށް އެތެރެކުރާ 659 އައިޓަމަކުން 25 ޕަސެންޓުގެ ޓެރިފެއް ނަގަން ޗައިނާއިން ވެސް މިހާރު ވަނީ ނިންމައިފައެވެ. މިއާއެކު 50 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެގައުމަށް ލިބޭނެކަމަށް ޒިންހުއާ ނިއުސް އެޖެންސީ އާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ފިޔަވަޅުތަކާއެކު އެމެރިކާއާއި ޗައިނާ އާ ދެމެދު އިއުލާނުކޮށްފައިވާ ވިޔަފާރީގެ ހަނގުރާމަ ހޫނުވާނެކަމަށް ލަފާކުރެވެއެވެ. އަދި އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި ކުރާ މުއާމަލާތްތައް ލިމިޓުވެގެންދާނެއެވެ.

comment ކޮމެންޓް