ސަލާހް ނުލާ ކުޅުނު މިސްރުގެ މައްޗަށް އުރުގުއޭން ފަހުވަގުތު ކުރިހޯދައިފި

އުރުގުއޭއާއި މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިސްރުގެ ތަރި، މުހައްމަދު ސަލާހް ނުލާ އެޓީމުން ކުޅުނު މެޗުގެ ފަހު ވަގުތުގައި އުރުގުއޭން ކުރިހޯދައިފިއެވެ.

ވޯލްޑް ކަޕް ގްރޫޕް އޭގައި މިސްރާއި އުރުގުއޭ ޔެކަޓެރިންބާގްގައި ކުޅުނު މެޗު ނިމުނީ 1-0ގެ ނަތީޖާއަކުން އުރުގުއޭ މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސްގައި، މިސްރުގެ ތަރި މުހައްމަދު ސަލާހް މިއަދުގެ މެޗުގައި ކުޅޭނެ ކަމަށް އެޓީމުގެ ކޯޗު ހެކްޓާ ކޫޕާ ބުނި ނަމަވެސް، މިއަދުގެ މެޗުގައި ސަލާހް ފެނުނީ ބެންޗުންނެވެ. މިސްރުން 29 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، މިއަދުގެ މެޗުގައި އެޓީމުން ހިތްވަރުގަދަ ކުޅުމެއް ދައްކައިފައިވެއެވެ.

އުރުގުއޭއާއި މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މިސްރުގެ ފަރާތުން ޑިފެންސަށް ސަމާލުކަން ދީގެން ކުޅުނު އިރު، މެޗުގައި އުރުގުއޭއިން ވަނީ ކުރިއަށް ޖެހިގެން ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.

އުރުގުއޭގެ ވަރުގަދަ ދެ ފޯވަޑުން ކަމަށްވާ ބާސެލޯނާގެ ލުއިސް ޝުއަރޭޒް އަދި އެޑިސަން ކަވާނީގެ ފަރާތުން ފުރަތަމަ ހާފްގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިން ހިފެހެއްޓުމުގައިވެސް މިސްރުގެ ޑިފެންސުން ކުރި މަސައްކަތް ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް މިސްރުގެ ކެޕްޓަން އަހުމަދު ފަތީގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފްގައި އުރުގުއޭގެ ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. އެޓީމަށް ލިބުނު ކޯނަރަކުން ޝުއަރޭޒްއަށް ހުސް ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ކަވާނީ ދުރުން ފޮނުވާލި ބާރު ހަމަލާ ހުއްޓުވާ ބޭރުކޮށްލީ ޑިފެންޑަރު އަހުމަދު ހެގާޒީއެވެ.

އުރުގުއޭއާއި މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގެ ކުރީ ކޮޅުގައިވެސް ޝުއަރޭޒްގެ ހަމަލާއެއް ފެނިގެންދިޔައެވެ. މިސްރުގެ ޑިފެންޑަރު ހެގާޒީގެ ފަރާތުން ހެދުނު ގޯހުގެ ބޭނުން ހިފައި، އޭރިއާ ތެރެއަށް ވަދެ ޝުއަރޭޒް ފޮނުވާލި ބޯޅަ ދިފާއުކުރީ މިސްރުގެ ގޯލް ބަލަހައްޓަމުން ދިޔަ މުހައްމަދު އެލް ޝަވާނީއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ކަވާނީ ތަނަވަސްކުރި ބޯޅައިން ޝުއަރޭޒްއަށް ވަނީ އިތުރު ފުރަތެއްވެސް ލިބިފައެވެ. އެ ފުރުސަތުވެސް ނާކާމިޔާބުކޮށްލީ މިސްރުގެ ކީޕަރެވެ.

ދެވަނަ ހާފްގެ ގިނަ ވަގުތުގައި އުރުގުއޭން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު، ކަވާނީގެ ވަރުގަދަ ހަމަލާއެއްވެސް ފެނިގެން ގޮސްފައިވެއެވެ. އޭރިއާ ބޭރުން ކަވާނީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ކީޕަރު އެލް ޝަވާނީއެވެ.

މެޗު ނިމެން ދަނިކޮށްވެސް އުރުގުއޭގެ ފޯވަޑް ކަވާނީގެ ރީތި ހިލޭ ޖެހުމެއް ފެނިގެން ގޮސްފައިވެއެވެ. އެ ހަމަލާގެ ހުރަހަކަށްވީ ގޯލްގެ އަރިމަތީ ދަނޑިއެވެ. އުރުގުއޭން މެޗުގެ ލީޑު ނެގީ މެޗުގެ 89 ވަނަ މިނެޓުގައެވެ. އުރުގުއޭއަށް ލިބުނު ކޯނަރުން އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ހޯޒޭ ގިމެނޭޒްއެވެ.

އުރުގުއޭއާއި މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުން 5-0ގެ ނަތީޖާއަކުން ސައުދީ އަރަބިއާ ބަލިކޮށް، ރަޝިއާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. މިމަހުގެ 20 ވަނަ ދުވަހު އުރުގުއޭއިން ސައުދީ އަރަބިއާ ދެކޮޅަށް ނުކުންނަ އިރު، 19 ވަނަ ދުވަހު މިސްރުން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް