ދިވެހީންގެ ޒަމާންވީ އާދަކާދަ: ހުޅުމާލޭ ފުލެޓްތަކުގެ އީދު ސައި

ހުޅުމާލޭ ފްލެޓް އެކެއް އަދި ދެއަކުން ބޭއްވި އީދު ސައި --- ސަންފޮޓޯ/ ޝަކީބާ މުހައްމަދު

ރޯދަމަސް ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ހުޅުމާލޭ ފްލެޓް ތިނެއް އަދި ހަތަރެއްގެ ގޭގެ ދޮރުތަކުގައި އާރިފާ އަހުމަދާއި އޭނާގެ ރަހުމަތްތެރި އަވައްޓެރިއަކު ގޮސް ޓަކި ޖަހާލީ ކުޑަ ގަނޑުކޮޅެއް ހިފައިގެންނެވެ. ގަނޑުކޮޅު ފެނުން ތަނުން ގިނަ ފްލެޓްތަކުގެ މީހުން "މިތިބީ ތި ގަނޑުކޮޅުގެ އިންތިޒާރުގައި" ކަމަށް ބުންޏެވެ. އެއީ މިފަހަރު އީދު ދުވަހު އެ ފްލެޓެއްގެ މީހަކު އީދު ސަޔަށް ތައްޔާރު ކުރަންވީ ކާނާގެ ގަނޑުކޮޅެވެ.

ހުޅުމާލޭ މިއަދު ހެނދުނު އީދު ސައި ބޭއްވީ ފްލެޓް ތިނެއް އަދި ހަތަރެއްގެ ހުރިހާ ފްލެޓްތަކެއްގެ މީހުން އެއްވެގެން ކާބޯތަކެތިތައްޔާރުކޮށްގެންނެވެ. ކޮންމެ ގެއަކުންވެސް ކާއެއްޗިހި ނެރެ ބޮޑު މޭޒެއްގައި އަތުރާލާ އެންމެން އެއްކޮށް ސައިބޮނީއެވެ. އެއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގައި ކުރަމުން އައި އަދި މިހާރުވެސް ކުރާ ކަމެކެވެ.

ހުޅުމާލޭ ފްލެޓް އެކެއް އަދި ދެއަކުން ބޭއްވި އީދު ސައި --- ސަންފޮޓޯ/

އެކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުނީ އާރިފާއެވެ. އާރިފާ "ސަން"އަށް ބުނީ އެންމެ ފުރަތަމަ އެގޮތަށް އެންމެ އެއްކޮށް ކަމެއް ބޭއްވީ މިފަހަރު ރޯދަ މަސް ފެށުމުގެ ކުރިން މާހެފުމެއް ކަަމަށެވެ.

"ރޯދަމަސް ފެށުމުގެ ކުރިން މާހެފުމެއް ބޭއްވިން. ވަރަށް ތަރުހީބު ލިބުން. އަނެއްކާ އެކުވެރިކަން ބަދަހިވެ އަވައްޓެރިންނާ ވާހަކަ ދައްކާލެވޭ. ކުރިން ވިއްޔާ ފެނުނީމަ ހީލާފައި، އެހެން އުޅެނި. މިހާރު ވަރަށް ރަހުމަތްތެރި އެންމެންނާ ވެސް،" އާރިފާ ބުންޏެވެ.

ގަނޑުކޮޅުގައި އެ ގެއަކުން ގެންދަންވީ ވައްތަރެއްގެ ހެދިކާއެއް ލިޔުމުން އެމީހުން ކާ އެއްޗެހި ތައްޔާރުކޮށް މިއަދު ހެނދުނު އަށެއް ޖަހަންވާއިރަށް ހުރީ އީދު ސައި ތައްޔާރުކޮށްލާފައެވެ. އެންމެ އެކުގައި ސައި ބޯލެވުނީމާ އެކަމުގެ އުފާވެރިކަން އެންމެވެސް ފާޅުކުރިއެވެ. އާރިފާ ބުނި ގޮތުން "މިއީ ދިވެހީންގެ ޒަމާންވީ އާދަކާދަ" އެވެ.

ހުޅުމާލޭ ފްލެޓް އެކެއް އަދި ދެއަކުން ބޭއްވި އީދު ސައި --- ސަންފޮޓޯ/

އެ ފްލެޓްތަކުގައި ދިރިއުޅޭ ކުދިބޮޑު އެންމެން އީދުގެ ސައިގައި ބައިވެރިވެ އެއްކޮށް ސައިބޮއި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެކެވެ.

އާރިފާއަކީ މާލޭ ރައްޔިތެކެވެ. މާލޭގައި އެކަހަލަ ކަމެއް އެއް އިރަކުވެސް ނުކުރެޔޭ މީހުން ކިޔައި އުޅުނަސް، އެ ވާހަކަ އާރިފާ ދޮގު ކުރެއެވެ. މާލޭގައި އެންމެ ކުރިންވެސް އަވަށްޓެރިންނާ އެކު އީދު ކަހަލަ މުނާއްސަބާތަކުގައި އެންމެން އެކުގައި ސައިބޮއި ހެދި ކަމަށް ވެއެވެ.

"އޭރުގައި މާލޭގައި ނުހުންނާނެ މި ކާރުތަކާއި ސައިކަލުތަކެއް. ބައިސްކަލު ދުއްވާނީ. ދެން މަގުތަކަށް މީހުން ނުކުމެ ކައިރި ގެތަކުގެ މީހުން އެއްކޮށް ސައިބޮއި ފެންކުޅި ކުޅެ ހަދާނެ،" ކުރީގެ ހަނދާންތައް އާކުރަމުން އާރިފާ ބުންޏެވެ.

މިހާރުވެސް ދިވެހިން އެކަހަލަ ކަންކަން ކުރާހިތްވާކަން އެނގުނީ އެކަމާ އާރިފާ އިސްނެގުމުން އެންމެންވެސް އެކަމަށް ދިން ތަރުހީބުންނެވެ. އާރިފާއަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ނަމަވެސް އެކި ޕާޓީތަކުގެ މީހުންވެސް ވަކި ކުލަޔަކަށް ނުބަލާ ބައިވެރިވި ކަމަށް އާރިފާ ބުންޏެވެ.

ހުޅުމާލޭ ފްލެޓް އެކެއް އަދި ދެއަކުން ބޭއްވި އީދު ސައި --- ސަންފޮޓޯ/

"އެނގޭނެ އެންމެނަށްވެސް ޕީޕީއެމްގައި އިސްކޮށް އުޅޭކަން. އެމީހުންވެސް ބުނީ ކުލައަކަށް ނުބަލަމޭ ބޭނުންވަނީ މިކަަހަލަ ކަމެއް ބާއްވާލައި، އެންމެން އެކުވެރިވެލާށޭ،" އާރިފާ ބުންޏެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަން އާލާކުރުމަށް މިއީ އެކަށޭނަ ގޮތެއް ކަމަށް ބެލެވެއެވެ. އީދު ފަދަ މުނާސަބާތަކުގައި އެއްކޮށް ސައެއް ބާއްވާލުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް ކަމަށް ހުޅުމާލޭ ފްލެޓު ތިނެއް އަދި ހަތަރެއްގެ މީހުން ސާބިތުކޮށްދީފިއެވެ.

comment ކޮމެންޓް