މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ގިނަ ގައުމުތަކެއްގެ ސަރުކާރުތަކުން ކުށްވެރިންނަށް މައާފު ދީ، ބައެއް މީހުންގެ އަދަބު ލުއިކޮށްދީފިއެވެ.
އުޒްބެކިސްތާން

އުޒްބެކިސްތާނުގެ ރައީސް ޝައުކަތު މިރްޒިޔޮވް
ރޭޑިއޯ ލިބަޓީގެ އުޒްބެކް ސާވިސްއިން ރިޕޯޓުކުރި ގޮތުގައި، ޖުލައި 12 ވަނަ ދުވަހު އުޒްބެކިސްތާނުގެ ރައީސް ޝައުކަތު މިރްޒިޔޮވް ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން، ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން އެގައުމުގެ 173 ގައިދީއަކު ޖަލުން މިނިވަން ކުރައްވަން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި 71 މީހަކު ޕެރޯލްގައި ތިބި މީހުންނެވެ. އަދި 39 މީހެއްގެ ބަންދަށް ލުއި ދިނުމަށް ނިންމެވި އިރު،14 ގައިދީއަކަށް އިއްވާފައިވާ ޖަލު ހުކުމް ލުއިކޮށްދޭންވެސް ރައީސް ޝައުކަތު ވަނީ ނިންމަވާފައެވެ.
ގާތްގަނޑަކަށް 30 މިލިޔަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިއާގައި ހިމެނޭ، މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.
އިރާން

އިރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ (ވ) އަދި އުއްތަމަފަނޑިޔާރު ސޯދިގު ލަރިޖާނީ (ކ) --
ފިތުރު އީދު ވިލޭރޭގެ ވަގުތެއްގައި އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އިރާނުގެ އެކި އެކި ކޯޓުތަކުން ހުކުމް އިއްވާފައިވާ 537 ގައިދީއަކަށް ފިތުރު އީދުގެ މުނާސަބަތުގައި މައާފު ދިނުމަށާއި އަދަބު ލުއިކޮށްދިނުމަށް ޚާމަނާއީ ވަނީ ނިންމަވާފައެވެ.
އިރާނުގެ ނޫސްތަކުން ބުނާ ގޮތުގައި، ކުށްވެރިންނަށް މައާފު ދެއްވުމަށް ރޫހީ ލީޑަރުގެ ކިބައިން އެދިވަޑައިގެންނެވީ އެގައުމުގެ އުއްތަމަފަނޑިޔާރު ސޯދިގު ލަރިޖާނީއެވެ. އުއްތަމަފަނޑިޔާރުގެ އެދިވަޑައިގަތުމާ އެއްގޮތަށް، ރޫހީ ލީޑަރު ޚާމަނާއީ ވަނީ ގަރާރެއް ނެރުއްވައި، 537 ގައިދީއަކާށް މައާފު ދެއްވައި، އަދި އަދަބު ލުއިކޮށްދެއްވާފައެވެ.
މިސްރު
މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ ވަނީ މި މަހުގެ ކުރީކޮޅު، އެގައުމުގެ ޖަލުތަކުގައި ތިބި 712 ގައިދީއަކަށް މައާފު ދެއްވާފައެވެ. ސައިނާއީ ލިބަރޭޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ސީސީގެ ރިޔާސީ ގަރާރެއްގެ ދަށުން ގިނަ އަދަދެއްގެ ގައިދީންނާއި ކުށްވެރިންނަށް މައާފު ދިން އިރު، ރައީސް ސީސީ ވަނީ މައާފު ލިބުނު ކުށްވެރިން ފިތުރު އީދުގެ ކުރިން ޖަލުތަކުން މިނިވަންކުރުމަށް ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށް އަންގަވާފައެވެ.

އޮމާންގެ ސުލްތާން ޤާބޫސް ބިން ސައީދާއި މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ
އޮމާން
އޮމާނުގެ ސުލްތާން ޤާބޫސް ބިން ސައީދު އާލް ސައީދު މިދިޔަ ބުދަ ދުވަހު 353 ގައިދީއަކަށް މައާފު ދެއްވާފައެވެ.
ރޯޔަލް އޮމާން ޕޮލިސްއާ ހަވާލައިދީ، ޓައިމްސް އޮފް އޮމާން ނޫހުގއި ރިޕޯޓުކޮށްފައިވާ ގޮތުން ސުލްތާން ގަބޫސް މައާފު ދެއްވި 353 ގައިދީންގެ ތެރެއިން 133 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ބަހްރައިން
ބަހްރައިނުގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އިއްޔެ ވަނީ ޝާހީ ގަރާރެއްގެ ދަށުން 155 ގައިދީއަކު މިނިވަންކޮށްދީފައެވެ. ފިތުރު އީދުގެ މުނާސަބަތުގައި މައާފު ދެއްވި 155 ގައިދީންނަކީ ޖަލު ހުކުމުގެ އެއްބައި އަދާކޮށްފައިވާ ގައިދީންތަކެކެވެ.
ޖިބޫޓީ

ޖިބޫޓީގެ ރައީސް އިސްމާއިލް އުމަރު ޖުލައްޔާ (ވ) އަދި އިތިއޯޕިއާގެ ބޮޑުވަޒީރު ޑރ. އަބީ އަހުމަދު (ކ) --
ހޯން އޮފް އެފްރިކާގައި އޮންނަ ޖިބޫޓީގެ ރައީސް އިސްމާއިލް އުމަރު ޖުލައްޔާ ވަނީ، އެގައުމުގެ ޖަލުތަކުގައި ތިބި އަވަށްޓެރި އިތިއޯޕިއާގެ 45 ގައިދީއަކަށް މައާފުކޮށްފައެވެ. އިތިއޯޕިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގެ ބުނި ގޮތުގައި ޖިބޫޓީގެ ޖަލުތަކުގައި ތިބި އިތިއޯޕިއާގެ ގައިދީންތަކަކަށް މައާފުދިނުމަށް އެގައުމުގެ ސަރުކާރުން ނިންމީ، ފިތުރު އީދުގެ މުނާސަބަތުގައެވެ.
އިތިއޯޕިއާގެ އާބާދީގެ 62 ޕަސަންޓު މީހުންނަކީ ނަސާރާ ދީނުގެ މީހުންނެވެ. މުސްލިމުންގެ އާބާދީއަކީ 32 ޕަސަންޓެވެ. ޖިބޫޓީގެ އާބާދީގެ 94 ޕަސަންޓު މީހުންނަކީ މުސްލިމުންނެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް
ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ވަނީ ފިތުރު އީދާ ދިމާކޮށް 2،000 އެއްހާ ގައިދީއަކަށް މައާފު ދީފައެވެ. އެކި ގައުމުތަކުގެ ރައްޔިތުން އޭގެ ތެރޭގައި ހިމެނޭ އިރު، 442 މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ. ޔޫއޭއީގެ ޚަލީޖްޓައިމްސް ނޫހުން ބުނި ގޮތުގައި ދުބާއީގައި ހުންނަ ޕާކިސްތާން ކޮންސިއުލޭޓާ ގުޅިގެން އެގައުމުން ދަނީ ގައިދީން އެނބުރި ގައުމަށް ފޮނުވުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.