ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ، ރައީސް ޔާމީންއާ މިއަދު އީދު ސަލާން ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އީދު ސަލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ އީދު ނަމާދަށްފަހު، ރަސްރަނި ބަގީޗާގައެވެ.

ރައީސްގެ ދެކަނބަލުންނާއި ހަގު ދަރިކަލުން މިއަދު ހެނދުނު ވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާ އީދު ސަލާންކޮށް، އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ބައެއް ރައްޔިތުންނާ އެކު އެ ދެކަނބަލުން ފޮޓޯވެސް ނެންގެވިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހްމަދު ނިހާން، ރައީސް ޔާމީނާ އީދު ސަލާން ކުރައްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އީދު ސަލާން ކުރުމަށްދިޔަ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ކެބިނެޓުގެ މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްް އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމުގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންވެސް ރަސްރަނި ބަގީޗާއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އީދު ސަލާން ކުރެއްވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ "ސަން"އަށް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން ރައީސްގެ ދެކަނބަލުންނާ ސަލާންކުރުމަށްޓަކައި އެތަނަށް ދިޔައެވެ.

ކޮންމެ އަހަރަކު ވެސް އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރައްޔިތުންނާ ބައްދަލު ކުރައްވައި އީދު ސަލާމް ކުރައްވައެވެ.

comment ކޮމެންޓް