ފިތުރު އީދާ ދިމާކޮށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ދިރާގުން ކުރިއަށް ގެންގޮސްފި އެވެ.
ދިރާގުން ވަނީ މާލެ އާއި އަތޮޅުތަކުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް އީދު ދުވަހުގެ ހެނދުނު ކުރިއަށް ގެންގޮސްފަ އެވެ.
ކޮންމެ އަހަރަކު ވެސް އީދާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ މި ހަރަކާތް މި އަހަރު މާލޭގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގުން ކުރިއަށް ގެންދިޔަ ހަދިޔާ ބެހުމުގެ ޕްރޮގްރާމު --- ފޮޓޯ: ދިރާގު
ދިރާގުން ބުނީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިވެ، އީދުގެ އުފަލުގައި އެންމެން ބައިވެރިވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މި އަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އީދާ ދިމާކޮށް ދިރާގުން ވަނީ ލައިޓް ޝޯ އެއް ކުރިއަށް ގެންގޮސްފައި---
މީގެ އިތުރުން ސުނާމީ ބިނާގައި ދިރާގުން ވަނީ އީދު ދުވަހުގެރޭ ލައިޓް ޝޯ އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ޝޯ އަކީ ކާމިޔާބު ޝޯއެއް ކަމަށާއި 500 އަށް ވުރެ ގިނަ ކުޑަކުދިން ލައިޓް ޝޯ ބަލަން ސުނާމީ ބިނާ ސަރަހައްދަށް ގޮސްފައިވާ ކަމަށް ދިރާގުން ބުނެ އެވެ. ލައިޓް ޝޯ ބަލަން ދިޔަ ކުދިންނަށް ވެސް ދިރާގުން ވަނީ ހަދިޔާ ބަހައިފަ އެވެ.
ލައިޓް ޝޯގައި ރޮބޯމޭންގެ ހަރަކާތްތައް ވެސް ވަނީ ދައްކާލައިފަ އެވެ. ރޮބޯމޭން އަށް ކުޑަކުދިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ރޮބޯމޭން އާ އެއްކޮށް ނަށާ ފޮޓޯ ނެގުމުގައި ވަރަށް ގިނަ ކުދިން ބައިވެރި ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އީދާ ދިމާކޮށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެކުންފުނިން ބުނީ ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިޔަތު ކަމެއްދޭ ކަމެއް ކަމަށެވެ.