ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ރައީސް މައުމޫން މާލެ ގެންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ވެސް ވަނީ އެ ހުކުމް ކޮށްފަ އެވެ.

އެ ހުކުމް އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައި ވަނީ ދައުލަތުން އުފުލި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކުރުމަށް ފަހު ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދީފައިނުވާތީ އެވެ.

އެ މައްސަލާގައި ހެކިބަސް ދިން ފުލުހުން ބުނީ ފޯނު ދޭން އެ ބޭފުޅުންނަށް އެންގުމުން ފޯނު ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް މައުމޫން އެންދެރިމާގޭގެ ތެރޭގައި ހުންނަވަނިކޮށް ހައްޔަރުކޮށް އެގެ ބަލައި ފާސްކުރުމުން ވެސް އެމަނިކުފާނުގެ ފޯނު ފެނިފައިނުވާ ކަމަށް ހެކިބަސް ދިން ފުލުހުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ އަބްދުﷲ ސައީދާއި އަލީ ހަމީދު ސުޕްރީމް ކޯޓުގެ ތެރެއިން ހައްޔަރުކޮށް އެ ކޯޓު ތެރެ ބަލައި ފާސްކުރުމުން ވެސް ފޯނު ފެނިފައި ނުވާ ކަމަށް ހެކިބަސް ދިން ފުލުހުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލަ އަދި ނިންމާފައެއްނުވެ އެވެ.

comment ކޮމެންޓް