ޓްރަމްޕް ވިޔަސް ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފެއް ނުވެވޭނެ: މައުމޫން

ކުރީގެ ރައީސް މައުމޫން: ވިދާޅުވީ ޓްރަމްޕް ވިޔަސް ބައިނަލްއަޤްވާމީ ޤާނޫނަކާ ޚިލާފެއް ނުވެވޭނެ ކަމަށް -- ސަން ފަޔާޒު މޫސާ

ކިތަންމެ ބާރުގަދަ ބޭފުޅަކު ކަމުގައި ވިޔަސް، ބައިނަލްއަޤުވާނީ ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައްދު ދެއްވައިފިއެވެ.

މައުމޫން އެފަދައިން ވިދާޅުވެފައިވަނީ އެމެރިކާއިން ޣައްޒާއަށް ވެރިވެ، އެ ސަރަހައްދު އަލުން ތަރައްގީކުރުމާ ހަވާލުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އެމެރިކާއިން ޣައްޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ. އަދި، ޣައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށް މައުމޫން ވިދާޅުވިއެވެ.

ނަމަވެސް، ކިތަންމެ ބާރުގަދަ ބޭފުޅަކަށް ވެސް ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް އެފަދަކަމެއް ކުރެވިގެން ނުވާނެ ކަމަށް މައުމޫން އެ ޕޯސްޓުގައި ލިޔުއްވިއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔަހޫއާ އެކު ވައިޓް ހައުސްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ޣައްޒާއާ ހަވާލުވެ، އެ ތަން އާރާސްތު ކުރާނެ ކަމަށެވެ. އެއީ، ކުއްލި ނިންމުމެއް ނޫން ކަމަށާއި، ޣައްޒާގައި އެމެރިކާގެ މިލްކުވެރިކަން އޮންނަން އެންމެން ވެސް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ސިޔާސަތަކީ އެމެރިކާއިން އެ ތަން ތަރައްގީކޮށް، އެތައް ހާސް ވަޒީފާ އުފެއްދުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

https://sun.mv/202238

ޓްރަމްޕްގެ ރޭވުމަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ޣައްޒާއަކީ "ދުނިޔޭގެ އެކި ކަންކޮޅުތަކުންދާ މީހުންނަށް ދިރިއުޅެވޭނެ" ތަނަކަށް ބަދަލުކުރުމެވެ.

ނަމަވެސް، ޣައްޒާއިން މީހުން ހުސްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމާ ދެކޮޅު ކަމަށް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ބުނެފައެވެ. އެގޮތުން، މިސްރާއި އުރުދުންއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެހެން ގައުމުތަކަށް ފޮނުވުމާ ދެކޮޅު ކަމަށް ބުނެފައެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފައެވެ. މާރިޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަމާސާ އެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 އަސީރުން ދޫކޮށްލަން އެއްބަސްވެފައިވާއިރު، ފަލަސްތީނުގެ 2،000 މީހުން މިނިވަންކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް