އެ މަނިކުފާނުގެ އަތުލިޔުއްވުން ރީތި ކަމަށް ގަބޫލުނުކުރައްވާ ނަމަވެސް، އެ މަނިކުފާނުގެ އަތުލިޔުއްވުމުން ފޮންޓެއް ތައްޔާރުކޮށްދިނުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މައުމޫންގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އަކުރު ޓައިޕްއާއި މައުމޫން ފައުންޑޭޝަން ގުޅިގެން ވަނީ 'މައުމޫން' ނަމުގައި ފޮންޓެއް ތައާރަފުކޮށްފައެވެ. އެ ފޮންޓު ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ، ބޭނުންވަނީ ގައުމަށް ކުރިއެރުމާއި ތަރައްގީ ހޯއްދަވައިދެއްވަން ކަމަށެވެ.
ހަމައެއާއެކު، ކޮންމެ މީހަކު ވެސް ގައުމަށް ޚިދުމަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މައުމޫން ފޮންޓު ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަދައްކަވަނީ --- ފޮޓޯ/ އަކުރު ޓައިޕް
ކޮންމެ މީހަކު ވެސް އެމީހެއްގެ މަގާމުގައި، އެމީހެއްގެ ގޮނޑީގައި، އެމީހަކު ހުރި ތަނެއްގައި ހުރެގެން ގައުމަށް ޚިދުމަތް ކުރުމަކީ އެމީހެއްގެ ވާޖިބަކަށް ހަދަން ޖެހޭ. އެކަން އަޅުގަނޑު ހިތުން މިހާރު ދަނީ ވަރަށް ރަނގަޅަށް ކުރެވެމުން، އޭގެ އެއް ހެއްކެއް މިރޭ މިފެންނަނީކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އަތުލިޔުއްވުމަކީ ރީތި ލިޔުއްވުމެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން ފޮންޓެއް ނެރުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
އަޅުގަނޑު މިހުރީ އަޖައިބުވެފައި، އެހެން މިދެންނެވީ އަޅުގަނޑުގެ އަތުލިޔުމަކީ އެއްވެސް އިރެއްގައި ރީތި ލިޔުމެއް ކަމަށް އަޅުގަނޑު ދެކިފައެއް ނެތް. ދެން ކުއްލިއަކަށް ފޮންޓެއް ހަދައި, ދައުރުކުރާ ކަންތައް އައީމަ ހިތަށް އެރި ކިހިނެއްބާއޭ މިވަނީ. ކޮންމެ ގޮތަކަށް ވިޔަސް މިއީ އަޅުގަނޑަށް ތިޔަ ބޭފުޅުން ދެއްވި ވަރަށް ބޮޑު ޝަރަފެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑަށް ލިބުނީ. އެހެންވީމަ އެކަމަށްޓަކައި، ފޮންޓު ތައްޔާރުކުރެއްވި ބޭފުޅުންނާއި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަންކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ އިއްޔެ ފާހަގަކުރި މާދާރީ ބަހުގެ ދުވަހާ ގުޅުވައި، ދިވެހިބަސް ކުރިއެރުވުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފައެވެ. އެގޮތުން، ދިވެހިބަސް ކުރިއަރުވައި، ތަރައްގީކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި ގައުމު ރަމްޒުކޮށްދޭ އެއްޗަކީ އެ ގައުމެއްގެ ބަސް ކަމަށް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ގައުމު ތަރައްގީވާނީ ދިވެހި ބަސް ތަރައްގީވެގެންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) އެ މަނިކުފާނުގެ އަތުލިޔުއްވުމުގެ ފޮންޓް "މައުމޫން" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެ ފޮންޓު އުފެއްދި އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު (އަބޯ) އާއެއްކޮށް ---- ފޮޓޯ/ އަކުރު ޓައިފް
އެ ފޮންޓު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެގްޒިބިޝަނެއް މިއަދު ހެނދުނު 10:00 ގައި ފަށާފައިވާއިރު، މިރޭ 23:00ގެ ނިޔަލަށް އެ އެގްޒިބިޝަން ކުރިއަށްދާނެއެވެ. މި ފޮންޓު ލިބެން ހުންނާނީ އަކުރު ޓައިޕް މާކެޓް ޕްލޭސް ވެބްސައިޓުން ކަމަށްވާއިރު، އާންމުންނަށް މި ފޮންޓު ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.
މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން ފޮންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ. މައުމޫނަކީ ތާނައިގެ އިތުރުން އަރަބި ވެސް ރީތިކޮށް ލިޔުއްވާ ބެފުޅެކެވެ.
މި ފޮންޓު ފަރުމާކޮށްފައި ވަނީ ޒަމާނީ ގިނަ ތާނަ ފޮންޓުތަކެއް ފަރުމާކޮށްފައިވާ އަބްދުﷲ ޝަފީއު (އަބޯ)އެވެ.
މީގެ އެއް އަހަރު ކުރިން ތައާރަފުކުރުމުގެ މަސައްކަތް ފެށި މި ފޮންޓަކީ އެ ޓީމުން ފަޚުރުވެރިވާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން، އެކި މުހިންމު ބޭފުޅުންގެ އަތުލިޔުމަކީ ތާރީޚަށް ޓަކައި ރައްކާކުރެވެން ޖެހޭނެ މަސައްކަތެއް ކަމަށް ޝަފީއު ބުންޏެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) އެ މަނިކުފާނުގެ އަތުލިޔުއްވުމުގެ ފޮންޓް "މައުމޫން" ލޯންޗުކުރައްވަނީ ---- ފޮޓޯ/ އަކުރު ޓައިޕް
މި ފޮންޓު މިއަދު ލޯންޗު ކުރެވިގެން ދިޔުމާ އެއްކޮށް، އަޅުގަނޑުމެން ގިނަ ޑިޒައިނަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ގިނަ ބޭބޭފުޅުންގެ އަތުލިޔުއްވުން ޕްރިޒާވް ކުރައްވާށޭ. މިފަދަ މަސައްކަތްތައް ކުރައްވާށޭއަބްދުﷲ ޝަފީއު
މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މި ރަސްމިއްޔާތުގައި ވަނީ، ތާނަ އަކުރަށް މައުމޫން ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން، އެ މަނިކުފާނާ ދިވެހިބަހާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި ރޭ ނެރުނު ފޮންޓަކީ އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކަށް ދެވޭ ޝުކުރުގެ ތަހުނިޔާއެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.