ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޮންޓެއް އަންނަ ހޮނިހިރު ދުވަހު ލޯންޗުކުރަން ނިންމައިފިއެވެ.
މި ފޮންޓަށް ދީފައިވާ ނަމަކީ "މައުމޫން"އެވެ.
މި ފޮންޓަކީ "ދިވެހި ޓައިޕް" އާއި "ދަ މައުމޫން ފައުންޑޭޝަން" ގުޅިގެން ލޯންޗުކުރާ ފޮންޓެކެވެ. ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މައުރަޒެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މި މައުރަޒު ކުރިއަށް ދާނީ، ހޮނިހިރު ދުވަހު ހެންދުނު 10:00އިން 11:00އަށް މާލޭ އާޓް ގެލެރީގައެވެ.
ފޮންޓު ލޯންޗުކުރުމުން މި ފޮންޓު ގަނެ، ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އަކުރު ޓައިޕް ވެބްސައިޓުން ފޮންޓު ޑައުންލޯޑު ކުރެވޭނެއެވެ.
މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ. މައުމޫނަކީ ތާނައިގެ އިތުރުން އަރަބި ވެސް ރީތިކޮށް ލިޔުއްވާ ބެފުޅެކެވެ.