ސޮނީ މެދުވެރިކޮށް މީޑިއާނެޓާއި ދިރާގަށްވެސް ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރެވޭނެ: ބްރޯޑްކޮމް

ދިރާގު، މީޑިއާނެޓް އަދި ޕީއެސްއެމް އާއެކު ބްރޯޑްކާސްޓިން ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ސޮނީ ޕިކްޗާސްގެ ސޮނީ ޓެންވަން މެދުވެރިކޮށް މީޑިއާނެޓާއި ދިރާގަށްވެސް މި އަހަރުގެ ރަޝިއާ ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރެވޭނެކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބުނެފިއެވެ.

ރާއްޖޭގައި މިއަހަރުގެ ވޯލްޑްކަޕް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މީޑިއާނެޓާއި ދިރާގާއެކު ބޭއްވި ބައްދަލުވުމަށްފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، މީޑިއާނެޓާއި ދިރާގަށްވެސް މި އަހަރުގެ ރަޝިއާ ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރެވޭނެ ކަމަށެވެ.

ޝަހީބު ވިދާޅުވީ، މިއަހަރުގެ ވޯލްޑްކަޕް ބްރޯޑްކާސްޓްކޮށް ރީބްރޯޑްކާސްޓް ކުރުމާބެހޭގޮތުން ވަރަށް ގިނަ އޮޅުން އަރައި، ޚިޔާލު ތަފާތުވުންވެސް އުފެދިފައިވާ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި ބައްދަލުވުމަކީ އެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް އޮޅުން ނުފިލާ ހުރި ކަންކަން އޮޅުން ފިލުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

"ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ކަންބޮޑުވުމަކަށް ވީ ދައުލަތުގެ މީޑިއާއިން ވޯލްޑްކަޕް ގެނެސްދޭތޯ، ދެން އެކަން ކަށަވަރު ވީމަ އެކަން ނިމުނީ، ދެން ބެލީ ރީބްރޯޑްކާސްޓް ކުރެވޭތޯ. ރީބްރޯޑްކާސްޓްކުރަން ޗެނަލްގެ ލައިސަންސް އޮތިއްޔާ އެކަން ކުރިއަށް ދާނެ. އެހެންވީމަ މީޑިއާއިން އަދި ކޮންމެ ބޭފުޅަކު މީތި ސްޕިން ކުރި ކަމުގައި ވިޔަސް މައްސަލައެއް ނެތް. ރައްޔިތުންނަށް އޮތީ ފައިދާ،" ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ، ވޯލްޑްކަޕް ގެނެސްދިނުމުގައި ޕީއެސްއެމްއިން ނަގާފައިވަނީ ސޮނީ ޕިކްޗާސްއިން ދީފައިވާ ކްލީން ފީޑްގެ ރައިޓްސް ކަމަށެވެ. އަދި ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރާ ދިރާގު އަދި މީޑިއާނެޓުން ނަގާފައި ވަނީ ސޮނީ ޕިކްޗާސްއިން ނަގާފައިވާ ޑާޓީފީޑެވެ. އެހެންކަމުން އެ ޗެނަލްގެ ރައިޓްސް އޮންނަކަމަށް ވާނަމަ މީޑިއާނެޓާއި ދިރާގަށްވެސް ވޯލްޑްކަޕް ރީބްރޯޑްކާސްޓް ކުރުމުގައި މައްސަލައެއް ނެތްކަމަށް ޝަހީބު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މީޑިއާނެޓްގެ ޚިދުމަތް ފުޅާކޮށްފައި ވާ އިރު، ދިރާގުން ދަނީ ދިރާގުޓީވީގެ ހިދުމަތްވެސް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިއަހަރުގެ ވޯލްޑްކަޕް އެކި ފެންވަރުގައި ބަލާލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވޯލްޑްކަޕްގެ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ކަށަވަރު ކޮށްދެއެވެ.

comment ކޮމެންޓް