މާލީ ދަތިކަން ކުރިމަތިވެ މިހާރު ހުއްޓާލާފައި އޮތް މެގަ މޯލްޑިވްސް އިން ހޯދާފައިވާ ހިދުމަތަށް ދައްކަން ޖެހޭ ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެއް ވެރިއެއްގެ ދަށުން ހިންގި އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާ ކުރީ އެ ކުންފުނިން މެގަ މޯލްޑިްވްސްގެ ޑިލޭ ފަސިންޖަރުންނަށް ދީފައިވާ ހިދުމަތުގެ ފައިސާއާއި މުވައްޒަފުން ކުއްޔަށް ބަހައްޓައިގެން ދައްކަންޖެހި ނުދައްކާވާ ފައިސާ ހޯދުމަށެވެ.
މެގަ މޯޑިވްސް ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ލިކިއުޑޭޓަރެއްގެ ގޮތުގައި އައްޔަން ކޮށްފައިވާ ވިޝާމް އެންޑް ކޯ އެލްއެލްޕީން ވަނީ ފުރަތަމަ އެ ދެ ދައުވާއަށްވެސް ކޯޓުގައި އިންކާރު ކޮށްފައެވެ.
ނަމަވެސް ދައުވާ ކުރާ ފަރާތުން މައްސަލަ ސާބިތު ކުރުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އީ މެއިލް މުއާމަލާތްތަކާއި ޓްރާސެކްޝަން ހިސްޓްރީ މެގަ މޯލްޑިވސްއާ ހިއްސާ ކުރުމަށް ފަހު ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އެއްވެސް ސަބަބެއް ނާންގާ ކޯޓަށް ހާޒިރު ނުވާ ކަމަށް ހުލާސާ ބާޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މެގަ މޯލްޑިވްސްގެ ޣައިރު ހާޒިރުގައި ކަމަށްވެސް ހުލާސާ ބަޔާނުގައި ބުނެގައިވެއެވެ.
މައްސަލައިގައި ދައުވާ ކުރާ ކުންފުނިން ހޯދަން އެދިފައިވާ ފައިސާއަކީ މެގަ މޯލްޑިވްސްއިން ދައްކަން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން އިއުތިރާފުވެ މިދިއަ އަހަރުގެ އޮގަސްޓް މަހު އީމެއިލުން އަންގާފައިވާ ކަމަށް ހުލާސާ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ޑިލޭ ފަސިންޖަރުންނަށް އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ހިދުމަތަށް ދައްކަން ޖެހޭ 192،023.64 އެމެރިކާ ޑޮލަރާއި ސަނީ ސުއިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް ދީފައިވާ އެކޮމޮޑޭޝަނަށް ދައްކަން ޖެހި ނުދައްކާ އޮތް 354،00 އެމެރިކާ ޑޮލަރު ހިމެނޭ ގޮތަށް އެ ދެ ކުންފުންޏަށް ޖުމްލަ 227،423.64 ޑޮލަރު ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
އަދި އެ ފައިސާ އިއްޔެއިން ފެށިގެން 11 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.
އެ މައްސަލައިގެ އިތުރުންވެސް މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ ފައިސާގެ ގިނަ މައްސަލަތަކެއް ސާބިތުވެ ހުކުމްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ 60 ހަށް ވުރެ ގިނަ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.