ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ރައީސްކަމުގެ ގޮޑިއަށް މެންބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލައިގައި އެ ކައުންސިލްގެ ނައިބު އަހްމަދު ސާޖިދު ސަސްޕެންޑް ކޮށްފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ޝަރީފް ވިދާޅުވީ، ސާޖިދު ސަސްޕެންޑުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމައި އެކަމުގެ ލިޔުން ލިބިފައިވާކަމަށެވެ. އަދި ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ ތިން މަސްދުވަހަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭއިން ފޮނުވާފައިވާ ލިޔުމާ ހަވާލާދީ ޝަރީފު ވިދާޅުވީ، ސާޖިދު ސަސްޕެންޑުކޮށްފައިވަނީ ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް އެ ކައުންސިލުގެ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކޮށް ކައުންސިލުގެ ރައީސްކަމުގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށްދިން މުއްދަތުގައި ކައުންސިލްގެ ރައީސަކު އިންތިހާބު ނުކުރުމުން ކަމަށެވެ.
އެލްޖީއޭން ފޮނުވާފައިވާ ސިޓީގައި ވަނީ ކައުންސިލުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާ އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސާޖިދުގެ މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށް ތިން މަސް ދުވަސް ވަންދެން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސާޖިދު ސަސްޕެންޑުކުރީ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ދެފަހަރެއްގެ މަތިން ފުރުސަތު ދިނުމަށްފަހުއެވެ.
އެނާ ސަސްޕެންޑްކުރުމަށްފަހު، އެ ކައުންސިލް ހިންގުން އެރަށުގެ ކަމަދޫގެ ކައުންސިލަރު އަހްމަދު ސަމީރުއާ ހަވާލުކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.