ހުސްވެފައިވާ ބ. ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން އިތުރު ފުރުސަތެއް ދީ، އެގޮތަށް އަމަލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފި އެވެ.
ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން މިވަގުތު ކައުންސިލް ހިންގެވުމާ ހަވާލުވެގެން ހުންނެވީ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ސާޖިދެވެ.
އަހުމަދު ސާޖިދަށް އެޑްރެސްކޮށް އެލްޖީއޭއިން މިދިޔަ އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނީ، ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް އެ ކައުންސިލުގެ އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކޮށް ކައުންސިލުގެ ރައީސްކަމުގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރެއްވުމަށްފަހު އެ އޮތޯރިޓީއަށް އެންގުމަށް މިމަހުގެ 14 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް އެ ސާކިއުލާގައި ބަޔާން ކޮށްފައިވާ 14 ދުވަހުގެ މުއްދަތު ފާއިތުވެގެން ގޮސްފައިވާއިރު ވެސް، ކައުންސިލުގެ ރައީސްގެ މަގާމަށް މިހާތަނަށް މެމްބަރަކު އިންތިހާބު ކުރައްވާފައި ނުވާކަން އެ ސިޓީގައި ބުނެފައިވެ އެވެ.
އެގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ނ)ގެ ދަށުން ހުސްވެފައިވާ ކައުންސިލުގެ ރައީށްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަލުން އެންގުމަށް ވަނީ އެ ސިޓީގައި އަންގައިފައެވެ.
"މި އޮތޯރިޓީގެ އެންގުމާ އެއްގޮތަށް އަމަލުނުކުރައްވައިފިނަމަ، މި އޮތޯރިޓީގެ ބޯޑުން ފާސްކުރައްވައި އާއްމުކޮށްފައިވާ (ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަަމަލުތަކާއި އިސްލާހީ ފިޔަވާޅުތައް ދަރަޖަކުރުމުގެ އުސޫލު)ގެ ދަށުން ފިޔަވަޅު އެޅޭނެކަން ވެސް ހަނދުމަފުޅުކޮށް އެރުވީމެވެ،" އެލްޖީއޭގެ ސިޓީގައި ބުނެފައިވެ އެވެ.