ޕާކިސްތާނުގައި "ވީރޭ ދީ ވެޑިން" މަނާކޮށްފި

ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ވީރޭ ދީ ވެޑިން" ޕާކިސްތާނުގައި މަނާކޮށްފިއެވެ.

ޕާކިސްތާނުގެ ސެންސަރު ބޯޑުން ފިލްމު މަނާކޮށްފައި ވަނީ، ފިލްމުގައި ހުތުރު ބަސްމަގު ބޭނުންކޮށްފައިވާތީ އާއި، މުޖުތަމައުއާ ނުގުޅޭ މަންޒަރުތައް ގިނަ ކަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނު ސެންސަރު ބޯޑުން އެގޮތަށް ނިންމައިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފިލްމުގެ ޕްރައިވެޓް ސްކްރީނިން އަށް ފަހުއެވެ.

ކަރީނާ، ސޯނަމް، ސްވަރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ރިއާ ކަޕޫރު، އެކްތާ ކަޕޫރު އަދި ނިކިލް ދުވިވޭދީ އެވެ.

ޝެޝާންކް ގޯޝް ޑައިރެކްޓު ކޮށްފައިވާ "ވީރޭ ދީ ވެޑިން" އަކީ ހަތަރު އެކުވެރިންގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އިންޑިއާ ގައި ފިލްމު ރިލީޒް ކުރާނީ މާދަމާއެވެ.

ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު، މިއީ ކަރީނާ ވިހެއުމަށްފަހު ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރު ކަމުން، ގިނަ ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

comment ކޮމެންޓް