ޓައިގާ އާއި ދިޝާ ރާއްޖޭގައި

ބޮލީވުޑްގެ ހިތްގައިމު ޖޯޑު، ޓައިގާ ޝްރޯފް އަދި ދިޝާ ޕަޓާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އިންޑިއާ ނޫސްތަކުން ބުނާގޮތުން، ދެމީހުން ރާއްޖެ އައިސްފައި ވަނީ "ބާޣީ 2" ގެ ކާމިޔާބީ ފާހަގަ ކުރުމަށެވެ. މާޗުގައި ރިލީޒް ކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިގެން ދިޔައެވެ.

ނަމަވެސް، ދެމީހުން މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ފިލްމުގެ ކާމިޔާބީ ފާހަގަ ކުރެވޭގޮތް ނުވީ އެވެ.

އެހެންކަމުން ދެމީހުން ރާއްޖެ އައިސްފައި ވަނީ ޓައިގާ މިހާރު މަސައްކަތް ކުރަމުން އަންނަ "ސްޓުޑެންޓް އޮފް ދަ އިޔާ 2"ގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލުމަށްފަހުއެވެ.

ދެމީހުން ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް، އަދި ތިބީ ކޮން ރިސޯޓެއްގައި ކަމެއް އަދި ޔަގީން ނުވެއެވެ. ނަމަވެސް ދިޝާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޗުއްޓީގެ ފޮޓޯ ހިއްސާކޮށްފައެވެ.

ދިޝާގެ އިތުރުން ޓައިގާ ވެސް ވަނީ މޫދަށް ފުންމާލާ ވީޑިއޯ އެއް ހިއްސާކޮށްފައެވެ.

ދިޝާ އަދި ޓައިގާ އަކީވެސް މޫދަށާއި، މޫދު ކުޅިވަރުތަކަށް ވަރަށް ފޯރި ހުންނަ ދެމީހުން ކަމުން، ރާއްޖެ އަކީ އެ ދެމީހުންނަށް ވެސް އެންމެ ކަމުދާ އެއް މަންޒިލެވެ.

ދިޝާ އާއި ޓައިގާ އައު އަހަރު ފާހަގަ ކުރީވެސް ރާއްޖޭގައެވެ. އެ ފަހަރު ރާއްޖެ އައިސް ދެމީހުން ތިބީ ކޮންރެޑް މޯލްޑިވްސްގައެވެ.

ދެމީހުންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު، ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކަރަން ޖޯހަރުގެ "ސްޓުޑެންޓް އޮފް ދަ އިޔާ" އިންނެވެ. ދިޝާ އެންމެ އަވަހަށް ފަށާނީ ސަލްމާން ޚާން އާއެކު ފިލްމު "ބާރަތު" ގެ މަސައްކަތެވެ.

comment ކޮމެންޓް