ގައިދީން ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ ގެނެސްދެވިދާނެ، ޕްރޮމޯޓުކުރަން ރިޕޯޓު ގެނެސްނުދެވޭނެ: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް

ބަންދުގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަތައް ޓީވީ ސްޓޭޝަންތަކުން ފޮނުވިދާނެކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސަފްވާން މިރޭ ސަން އަށް ވިދާޅުވީ ގައިދީން ޕްރޮމޯޓު ކުރަން ރިޕޯޓުތަކާއި ޑޮކިއުމެންޓްރީތައް ހަދައިގެން ބްރޯޑްކާސްޓް ނުކުރެވޭނެ ކަމަށެވެ.

"ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ ރިޕޯޓު ކުރެވިދާނެ. އެއީ އެ މަޖިލިސް ގައި ދައްކާ ވާހަކަ. އަޅުގަނޑުމެން މި ދަންނަވަނީ ގައިދީން ޕްރޮމޯޓު ކުރަން ޑޮކިއުމެންޓްރީތަކާ ރިޕޯޓުތައް ނުދެއްކޭނެޔޭ،"

ސޮފްވާން ވިދާޅުވީ މިފަދަ ކަންކަމަށް ސަމާލުވުމަށް ބްރޮޑްކާސްޓަރުންނަށް ނަސޭހަތްދޭ ކަމަށެވެ.

"އިންޒާރެއް ނޫން އަޅުގަނޑުމެން މިދެނީ. ރިމައިންޑް ކޮށްލަނީ މި. ޕެނަލްޓީއެއް އައުމުގެ ކުރިން،" ސޮފްވާން ވިދާޅުވިއެވެ.

ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށާއި އެކަން ކުރާ ޓީވީ ސްޓޭޝަންތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމް އިން އިއްޔެ ވަނީ ބުނެފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އަންގައިފައެވެ.

ގާނޫނާއި ގަވާއިދާ ތައާޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.

ބްރޮޑްކޮމް އިން ވަނީ އެމްޑީޕީ އިން މިއަދު ކުރިއަށްގެންދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ރާއްޖެ ޓީވީ އިން ލައިވް ކުރަމުންދާތީ އެކަން ހުއްޓާލަން އަންގައިފައެވެ.

comment ކޮމެންޓް