އެއާޕޯޓު މަޝްރޫއު ތަކުގައި ސޮއިކުރަނީ މަސައްކަތް ފެށޭވަރަށް ފައިސާ ހަމަޖެހުމުން: ޒަމީރު

މަޑިވަރު އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ހުރަވަޅި

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށްދާއިރު، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު ސޮއިކުރަނީ މަސައްކަތް ފެށޭވަރަށް ފައިސާ ހަމަޖެހުމުން ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޅ. މަޑިވަރު ގައި އެއާޕޯޓެއް އެޅުމަށް ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސްގެ ވިސްނުންފުޅު ހުރީ މީހުން ދިރިއުޅޭ ރަށްރަށުން 30 ނޫނީ 40 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓުތައް އެޅުން ކަމަށެވެ.

ހަމައެކަނި އެއާޓެކްސީ އިން ފަތުރުވެރިން އުފުލާނަމަ އެ ފަތުރުވެރިން އުފެލޭނީ ދުވާލުވަގުތުގައި ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވެގެން އަންނައިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ވަރަށް އެއާޕޯޓު ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

"ސައިން ކޮށްފަ ދުލެއް ނުކޮށްލަން. ސައިން ކޮށްފަ ދޫކޮށްލުމުން އޭގެ ބޭނުމެއް ނެތް މަސައްކަތް ނުފެށެންޏާ. އެހެންވީމަ ރައީސްގެ ވިސްނުންފުޅު ހުރީ މަސައްކަތް ފެށޭވަރަށް ފައިސާވެސް ހަމަޖެހުނީމައޭ ސައިން ކުރާނީ. އެހެންވެ މިވީހާ ދުވަހުވެސް އަޅުގަނޑުމެން މަޝްވަރާތައް ކުރިއަށް ގެންދިޔައީ. ސައިން ކުރެވުނީ އެކަން ހަމަޖެހުނީމަ،" މިނިސްޓަރު ވިދާޅުވިއެވެ.

"ކުރީގަ ކަންތައް ވީގޮތުންނަމަ އެއާޕޯޓުއަޅަން ސޮއިކޮށްފަ ވަރަށް ގިނަ ކުންފުނިތައް ހަދައިގެން އެ ކުންފުނިތަކާ ސަރުކާރާ މެދު މައްސަލަޖެހި އެތައް މިލިއަން ޑޮލަރެއްގެ ބަދަލު ދޭންޖެހިފައި ހުރީ .ރައީސްގެ ވިސްނުންފުޅު ހުރީ އެކަހަލަ ކަމެއް ދިމާ ނުވާނެހެން ކަން ކުރުމަށް،"

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް 8 ގެ އެއާކްރާފްޓުތައް ޖެއްސޭވަރަށް 1.2 ކިލޯމީޓަރުގެ ރަންވޭ އަކާއެކު މަޑިވަރު އެއާޕީޓު ތަރައްގޫކުރާއިރު އެއާޕޯޓު ހިންގުމަށް ފައިސާ ފޯދަން، ކުރެއްދޫ ހޯލްޑިންގްސް އިން އެރަށުގައި ސިޓީ ހޮޓަލެއްވެސް ތަރައްގީ ކުރާނެއެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މަޑިވަރުން ދެތިން ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އެއާޕޯޓު ރަންވޭ އާއި ޓާމިނަލްގެ އިތުރުން ޓީއެމްއޭ އާއި އައިލެންޑް އޭވިއޭޝަންގެ ކްރޫ އިން ތަމްރީނު ކުރުމަށް ހާއްސަ ފެސިލިޓީވެސް އެރަށުގައި ގާއިމް ކުރާނެއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ޅ. އަތޮޅުގައި ކޮންމެހެންވެސް އެއާޕޯޓެއް އަޅަން ޖެހޭ ކަމަށާއި، މިއީ ވަރަށް ކުރީއްސުރެ ކުރަން އުޅެ، ނުވެފައި އޮތް ކަމެއް ކަމަށެވެ. އެއާޕޯޓު މަަސައްކަތް ފެށުމަށް އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކުރިއަށް އޮތް އެެއް އަހަރު ތެރޭ އެ އެއާޕޯޓުގެ މަސައްކަތް ނިންމާ ހިދުމަތްދޭން ފަށާނެއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާގައި ގާތްގަނޑަކަށް 11 މިލިއަން ޑޮަލަރު ހަރަދު ކުރާނެއެވެ.

comment ކޮމެންޓް