އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ކުރީގެ ރައީސް ނަޝީދަށް ވާދަކުރެވޭގޮތަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާތީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް މައްސަލަ ހުށަހެޅީ ގ. ކެނެރީގެ، މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

އެ ދައުވާގެ މައުޟޫގައިވާ ކަންތައްތަކުގެ މައްޗަށް ޝަރީއަތުން ބަލާއިރު، މައުޟޫގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ޕްރައިމަރީ ބޭއްވުން ފަސްކުރުމުގެ މައްޗަށް ޝަރީއަތުން ވަގުތީ އަމުރެއް ނެރެންޖެހޭގޮތަށް އެކަން އޮތްކަން ވަގުތީ އަމުރު ނެރުމުގެ އެންމެހައި އުސޫލުތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ގ. ކެނެރީގެ މުހައްމަދު ނަޝީދަށް ވާދަކުރެވޭގޮތަށް ރިޔާސީ ޕްރައިމަރީއެއް ނުބޭއްވުމަށް އެމްޑީޕީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އަދި އެގޮތަށް އެ ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ވަގުތީ އަމުރުގައިވެއެވެ.

comment ކޮމެންޓް