މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ގާނޫނާ އެއްގޮތަށް އަމަލު ކުރޭތޯ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ބަލާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.
މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެ ކޮމިޝަންގެ ވިސްނުމަކީ އެއްވެސް ޕާޓީއަކަށް އިންޒާރުކޮށް ނުހައްގުން އެއްވެސް ކަމެއް ކުރުން ނޫން ކަމަށެވެ.
"އެންމެ ފަހުވަގުތާ ޖެހެންދެން އެމްޑީޕީން ގާނޫނާ އެއްގޮތަށް އަމަލު ކުރޭތޯ ބަލާނަން،" ޝަރީފް ވިދާޅުވިއެވެ.
ޕްރައިމަރީގެ ހުރިހާ ކަމެއް ގާނޫނުތަކާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވާނެ ކަމަށް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނީ ސީޓީއަކުންނެވެ.
ޝަރީފް ވިދާޅުވީ ގާނޫނުގެ ތެރެއިން އަމަލު ނުކުރާނަމަ ކުރިންވެސް އަންގާފައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށާއި ކޮންމެ ޕާޓީއަކުންވެސް ގާނުނުގެ ތެރެއިން އަމަލު ކުރުމަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވިއިރު، މީގެ ހަފްތާއެއް ކުރި އެ ކޮމިޝަނުން އެމްޑީޕީއަށް ސިޓީއަކުން އަންގާފައި ވަނީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވާކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ޕާޓީގެ އެކްޓިވިސްޓުން އަދި މާލެއާއި އަތޮޅުތަކުގައި ޚަބަރު ފަތުރަމުންދާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެއް ކަމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަންވީ ޝަރުތުތަކުގެ ތެރެއިން އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަތުރު އުނިވެފައިވާ ބޭފުޅެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ރައީސްކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާ މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ސިޔާސީ ހަތަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ (ސިޔާސީ ޕަޓީތަކުގެ ގާނޫނު)ގެ ހަތް ވަނަ މާއްދާގެ (ށ)ގެ ދަށުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު ކަމަށް ވާތީ، ނަޝީދަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދީފި ނަމަ ސިޔާސީ ޕަޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައި ވަނީ ބުނެފައެވެ.