ނަޕޯލީގެ ކޯޗަކަށް އެންޗެލޮޓީ

ނަޕޯލީގެ ކޯޗަކަށް ހަމަޖެއްސި ކާލޯ އެންޗެލޮޓީ --- ފޮޓޯ/ އޭޕީ

ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ކާލޯ އެންޗެލޮޓީ، ނަޕޯލީގެ ކޯޗުކަމުގެ މަގާމާ ހަވާލުވެއްޖެ އެވެ.

ނަޕޯލީގެ ކޯޗުކަމުގެ މަގާމަށް އެންޗެލޮޓީ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ، މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޗެލްސީއާ ހަވާލުވާން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވެމުން ދަނިކޮށެވެ.

ނަޕޯލީގެ ކޯޗުކަމުގެ މަގާމުން ސާރީ ދުރުކުރިކަން ކަށަވަރުކޮށްދެމުން ނަޕޯލީގެ ރައީސް ވިދާޅުވީ، ކުރިމަގާ މެދު ގޮތެއް ނިންމުމަށް ސާރީއަށް ވަގުތު ދެވިއްޖެ ކަމަށެވެ.

ނަޕޯލީން ރެކޯޑަކާ އެކު މިސީޒަނުގެ އިޓާލިއަން ސެރީއާ ނިންމާލި ނަމަވެސް، ލީގު ނިންމާލަން ޖެހުނީ ޔުވެންޓަސްގެ ފަހަތުން ތާވަލުގެ ދެވަނައިގަ އެވެ. ނަޕޯލީން 91 ޕޮއިންޓާ އެކު ލީގު ނިންމާލި އިރު، އެއީ އެޓީމަށް އެއް ސީޒަނެއްގައި އެންމެ ގިނައިން ޕޮއިންޓް ހޯދުނު އަދަދެވެ.

އެންޗެލޮޓީގެ ޓާގެޓަކަށް ވާނީ ޔުވެންޓަސްއިން އިޓަލީގައި ދަމަހައްޓަމުންދާ ކާމިޔާބީއަށް ނިމުމެއް ގެނައުމެވެ. މަސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސް އިން ވަނީ ވިދިވިދިގެން ހަތަރު އަހަރު އިޓަލިއަން ސެރީއާއާ އެކު އިޓަލިއަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި މެދުކެނޑުމެއްނެތި ޔުވެންޓަސްއިން ސެރީއާ ކާމިޔާބުކުރާތާ މިހާރު ހަތް އަހަރުވެއްޖެ އެވެ.

ރެއާލް މެޑްރިޑާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ވެސް އިރުޝާދުދިން އެންޗެލޮޓީ، މިދިޔަ ސެޕްޓެމްބަރު މަހު ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިކުރި ފަހުން އެއްވެސް ޓީމަކަށް އިރުޝާދުދީފައެއް ނުވެ އެވެ.

އިޓަލީއަށް އުފަން އެންޗެލޮޓީގެ ކޯޗިން ކެރިޔަރު ފުރަތަމަ ފެށީ ވެސް އަމިއްލަ ގައުމުންނެވެ. ރެޖިއާނާއަށް އިރުޝާދު ދިނުމަށް ފަހު ޕާމާ، ޔުވެންޓަސް އަދި އޭސީ މިލާނުގެ ކޯޗުކަމުން އޭނާ ފެނިގެންދިޔަ އެވެ. އިޓަލީ ދޫކޮށް ދިއުމަށް ފަހު އެންޗެލޮޓީ ފުރަތަމަ ހަވާލުވީ އިނގިރޭސިވިލާތުގެ ޗެލްސީއާ އެވެ. އެއަށް ފަހު ފްރާންސްގެ ޕީއެސްޖީއާއި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޖަރުމަންގެ ބަޔާން މިއުނިކާ ހަވާލުވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.

comment ކޮމެންޓް