ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ކްލަބު ވެލެންސިއާއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.
އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ބުރުގެ 'ގްރޫޕް އޭ'ގެ މެޗުގައި ޕޮލިސް ކްލަބު އަތުން ވެލެންސިއާ މޮޅުވީ ފަސޭހަކަމާއެކު 5-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ވެލެންސިއާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިސްމާއިލް މުހައްމަދު (އިއްސެ)އެވެ. މެޗުގައި ވެލެންސިއާއަށް މުހައްމަދު ޖަމީލް (ޖަމްބެ)އާއި، އިސްމާއިލް މުހައްމަދު އަދި އާފިއު މުހައްމަދު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގެ 45 އަހަރުންމަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލެންސިއާގެ އަބްދުﷲ އިބްރާހީމް (ހުރާ އަބުޅޯ)އެވެ.
'ގްރޫޕް އޭ'ގެ އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ކްލަބު އީގަލްސްއާއި ޕޮލިސް ކްލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އީގަލްސްއަށް ބާކީ ދެ މެޗު އޮތް އިރު، ޕޮލިހަށް ދެން އޮތީ އެންމެ މެޗެކެވެ.
އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.
އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:
ކްލަބު ވެލެންސިއާ
ކްލަބު އީގަލްސް
ޕޮލިސް ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ދިވެހި ސިފައިންގެ ކްލަބު
ވިކްޓަރީ ސްޕޯޓްސް ކްލަބު
ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:30ގައި އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސްއެވެ.