ޑރ. މަޖީދުގެ ހިދުމަތްތަކަކީ ދިވެހި ތާރީހުން ދުވަހަކު ވެސް ފޮހެވިގެންދާނެ ކަންކަމެއް ނޫން: އަދާލަތު

ޑރ. މަޖީދު (މ) އަދާލަތު ޕާޓީގެ އިސްވެރިންނާއެކި: އެމަނިކުފާނު މިހާރު ވަނީ ފަސްދާނު ލާފައި --- ސަން ފައިލް ފޮޓޯ

އަލް މަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އެކި ރޮނގުތަކުން ދިވެހި ރައްޔިތުންނާއި ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކަކީ ދިވެހި ތާރީހުން ދުވަހަކު ވެސް ފޮހެވިގެންދާނެ ކަންކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ކުއްލި ގޮތަކަށް ސްޓްރޯކެއް ޖެހި ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން އޭނާ ނިސްބަތްވި އަދާލަތު ޕާޓީން މިއަދު ނެރުނު ބަނާޔެއްގައި ބުނީ ޑރ. މަޖީދު އަވަހާރަވުމަކީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނުހަނަ ބޮޑު ހިތާމައެއް ކަމަށާއި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

ޑރ. މަޖީދު އަވަހާރަވުމަކީ އިސްލާމީ އިލްމު ފެތުރުމުށާއި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރަދަނާކުރުމުގެ އިތުރުން ސިޔާސީ އިސްލާހީ މަސައްކަތަށް ކުރިމަތިވި ފޫބައްދަން ދަތި ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

"...ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ދީނީ ރޮނގުންނާއި އިޖުތިމާއީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަކީ ދިވެހި ތާރީހުން ދުވަހަކު ވެސް ފޮހެވެގެންދާނެ ކަންކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.

ޑރ. މަޖީދު އަކީ ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަމާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްކަން ފާހަގަކޮށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނުގެ އެތަކެއް ހިދުމަތްތަކުގެ ސަބަބުން ދިވެހި ގައުމަށް އަގުނުކުރެވޭ ވަރުގެ މަންފާތަކެއް ކޮށްފައިވާ ކަމަށެވެ.

ޑރ. މަޖީދުގެ ހަޔާތްފުޅުން ނަމޫނާ ހާސިލްކުރުމަށް އެދި އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ޑރ. މަޖީދަކީ ކޮންމެ ހާލަތެއްގައި ވެސް ހައްގުބަސްފުޅު ވިދާޅުވުމާއި މަޑުމައިތިރިކަމާ މިޒާޖުގެ ސާދާކަން ގެންގުޅުއްވި ހެޔޮލަފާ އިންސާނެއް ކަމަށެވެ.

ކޮލަމްބޯގެ ލަންކާ ހޮސްޕިޓަލްގައި އިއްޔެ ނިޔާވި ޑރ. މަޖީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު އެގައުމުގައި ވަނީ ބާއްވާފަ އެވެ. ޑރ. މަޖީދު ފަސްތާނުލާފައި ވަނީ ޖާވައްތަ ގަބުރުސްތާނުގަ އެވެ.

comment ކޮމެންޓް