ވިކްޓަރީ އަތުން ހޯދި ފަސޭހަ މޮޅާއެކު، ނިއު ދެވަނަ ބުރަށް

ވެޓެރަންސް ކަޕްގައި ނިއުއާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެމްއެސްއެމް

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގައި ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ބުރުގެ 'ގްރޫޕް ބީ'ގެ މެޗުގައި ވިކްޓަރީ އަތުން ނިއު މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރަކީ ނިއުއިން އެ މުބާރާތް ކާމިޔާބުކުރި ތިންވަނަ އަހަރެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ޝަމީމް (އައްޔަ)އެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ފަޒީހާއި މުހައްމަދު ޒިޔާދެވެ. އެ މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަޝްރަފް ލުތުފީ (ސަމްޕަތު)އެވެ.

'ގްރޫޕް ބީ'ގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އަށް އެއް މެޗުން ޕޮއިންޓެއް ހޯދިފައިވާ އިރު، އެއް މެޗު ކުޅުނު ވިކްޓަރީއަށް އަދި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:

ކްލަބު ވެލެންސިއާ

ކްލަބު އީގަލްސް

ޕޮލިސް ކްލަބު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ދިވެހި ސިފައިންގެ ކްލަބު

ވިކްޓަރީ ސްޕޯޓްސް ކްލަބު

ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:30ގައި އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.

comment ކޮމެންޓް