ހަރަމްފުޅާއި މަސްޖިދުލް ނަބަވީގައިވެސް ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ: އެ މަނިކުފާނުގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު މައްކާ އާއި މަދީނާގައި ކުރުމަށް އަންނަނީ ތައްޔާރުވަމުން --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

އިއްޔެ މެންދުރު އަވަހާރަވި ރާއްޖޭގެ ދީނީ އިލްމްވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު ސައުދީ އަރަބިއްޔާގެ މައްކާއާއި މަދީނާގައި ކުރުމުގެ އިންތިޒާމްތައް ކުރިއަށް އެބަދެއެވެ.

ޑރ. މަޖީދުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ މައްކާގައި ހުންނަ މަސްޖިދުލް ހަރަމް މަދީނާގެ މަސްޖިދުލް ނަބަވީގައި މިއަދު މަޣްރިބް ނަމާދަށް ފަހު ޣައިބަށް ކުރާ ކަށުނަމާދު އޮންނާނެ ކަމަށެވެ. އަދި ތާއިފް މިސްކިތުގައި ވެސް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްކާއާއި މަދީނާގެ އިތުރުން އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭ ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށް ޑރ. މަޖީދުގެ އާއިލާގެ ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.

ޑރ. މަޖީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ސްރީލަންކާގެ ކޮލޮމްބޯގެ ޖާވައްތަ ގަބުރުސްތާނުގައި އޮންނާނެއެވެ. ޑރ. މަޖީދަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން ހެޔޮއެދޭ ފަރާތްތަކުން ޖަނާޒާގައި ބައިވެރިވުމަށް އާއިލާއިންް އެދެއެވ.

އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެއެވެ.

ލޭމައްޗަށް ދިއުމުގެ ސަބަބުން ބޭސް ވެސް ބޭނުންކުރައްވަމުން ގެންދެވި ޑރ. މަޖީދު ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުގެ ސަބަބުންނެވެ. އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވީ އިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ 2008 ވަނަ އަހަރު ތަސްތީގު ކުރި ގާނޫނު އަސާސީއަށް ފަހުއެވެ.

comment ކޮމެންޓް