ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު އަލުން ހުޅުވައިފި

ފުވައްމުލަކު ޒުވާނުންގެ މަރުކަޒު--

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު ބޭނުން ނުކުރެވޭ ވަރަށް ހާލަތު ގޯސްވެފައި ވަނިކޮށް އަލުން މަރާމާތުކޮށް އިއްޔެ ހުޅުވައިފިއެވެ.

ޒުވާނުންގެ މަރުކަޒުތަކާއި ކުޅިވަރު އެރީނާގައި ހިމެނޭ ވަސީލަތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މި ރަމަޟާން މަސް ފެށެންވާއިރަށް ވަނީ ގިނަ އަދަދެއްގެ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކޮށް އަލުން ހުޅުވާފައެވެ.

ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވިދާޅުވީ އަލުން ފުވައްމުލައް ޒުވާނުންގެ މަރުކަޒު ހުޅުވިގެންދިޔައިރު އެ މަރުކަޒުގެ އިންޑޯ ހޯލަށް ބޭނުންވާ ބައެއް ކުޅިވަރު ސާމާނު ވަނީ ފޯރުކޮށްދީފައެވެ.އަދި ބައެއް ސާމާނުތަކަށް ގެންނަންޖެހޭ މަރާމާތުތައްވެސް ގެނެސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހީމް ސަޢީދު (ކޭޑު) ވިދާޅުވިގޮތުގައި ފުވައްމުލައް ސިޓީގެ އެކި އަވަށުތަކުގައި ރައީސް ޔާމީންގެ ޒަޢާމަތުގައި ޤާއިމްކުރެވިފައިވާ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުތަކުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލަތައްވެސް މިދަތުރުގައި ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން 400 ވޮލްޓްގެ ލެޑް ލައިޓްތައް ފުވައްވުލައް ސިޓީއަށް ގެނައުމަށް ކާގޯ ކޮށްފައިވާނެކަމަށް ކޭޑު ވިދާޅުވިއެވެ.

"ކުރިން ޖަހާފަ ހުންނާނީ 150 ވޮލްޓްގެ ލައިޓް، އެކަމަކު މިހާރު މިގެންނަނީ 400 ވޮލްޓްގެ ލެޑް ލައިޓް، އަޅުގަނޑުމެން މިފަހަރު އަނދާފަ ހުރި ލައިޓްތައް ބަދަލުކޮށް ކޮންމެ ދަނޑެއްވެސް ޒުވާނުންނަށް ރޭގަނޑު ކުޅެވޭވަރު ވަނީ ކޮށްދީފައި،" ކޭޑް ވިދާޅުވިއެވެ.

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި ޤާއިމްކުރެވިފައިވަނީ 3 ފުޓްސަލް ދަނޑެވެ. އިތުރު 3 ދަނޑެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކޭޑް ވިދާޅުވީ ދާދި ފަހުން މެޑަމް ފާތިމަތު އިބްރާހިމް ފުވައްމުލަކަށް ވަޑައިގެން ޒުވާނުންނާއި ބައްދަލު ކުރެއްވުމުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ޒުވާނުންގެ މަރުކަޒުގެ މައްސަލަ ކަމަށާއި ޔޫތް މިނިސްޓްރީގެ މަސައްކަތުން އެކަން ހައްލުވެގެން ދިޔުމަކީ ފުވައްމުލަކު ޒުވާނުންނާއި ސަރުކާރާއި ދެމެދު އޮންނަ ގާތްގުޅުން ކަމަށެވެ.

comment ކޮމެންޓް