"ނާސް ޑެއިލީ" ފޭސްބުކް ޕޭޖު ރާއްޖޭގައި ބްލޮކު ކޮށްފި

ވްލޮގަރ ނުސައިރު ޔާސީން (ނާސް) މާލެ ސިޓީގައި -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތްކޮށް، ތަފާތު މީހުންނާއި ތަންތަނާއި ކަންކަމާ ގުޅޭ ވީޑިއޯ ހަދަމުންދާ ފަލަސްތީނުގެ ޒުވާން ވްލޮގަރ ނުސެއިރު ޔާސީން (ނާސް)ގެ ފޭސްބުކް ޕޭޖު "ނާސް ޑެއިލީ" ރާއްޖެއަށް ބްލޮކު ކޮށްފިއެވެ.

މިދިޔަ ހަފްތާގައި ރާއްޖެ އައިސް ރާއްޖެއާ ބެހޭ ވީޑިއޯ ވެސް ހެދި ނާސްގެ ފޭސްބުކް ޕޭޖު ބްލޮކުކޮށްފައިވަނީ، ދިވެއްސަކާ ބެހޭގޮތުން އޭނާ ހެދި ވީޑިއޯއެއް މިއަދު އާންމުކުރުމާ އެކު އެ ވީޑިއޯއަށް ފާޑުކިޔުންތައް އަމާޒުވާން ފަށާފައި ވަނިކޮށެވެ.

ނާސް ޑެއިލީ ފޭސްބުކް ޕޭޖު ބްލޮކު ކުރީ ނާސް އަމިއްލައަށް ކަމެއް، ނުވަތަ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ ޕޭޖަކަށް އެކްސެސް ނުވެވެއެވެ.

ފާޑުކިޔުން އަމާޒުވި ނާސްގެ ވީޑިއޯގައި ދައްކަނީ ބުރުގާ ބާލަން ބޭނުންވާ ކަމަށް ބުނާ ދިވެހި އަންހެނެކެވެ. އެ ވީޑިއޯގައި އޭނާ ހުންނަނީ މޫނު ނިވާކޮށްގެންނެވެ. އަދި ވީޑިއޯގައި އޭނާ ބުރުގާ ބާލައި، އިސްތަށިގަނޑު ކަޝްފުވެސް ކުރެއެވެ. ނަން ހާމަނުކޮށް ވާހަކަދައްކާ އެ އަންހެންމީހާ ބުނަނީ ބޭނުންވި ނަމަވެސް ބުރުގާ ބޭލެން ނެތީ މުޖުތަމައުން އަންނަ ޕްރެޝަރުތަކާ ހުރެ ކަމަށެވެ.

މި ވީޑިއޯއަށް ގިނަ އަދަދެއްގެ ދިވެހީން ފާޑު ކިޔަމުން ބުނީ، އެއީ އިސްލާމް ދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ކަމަށެވެ.

https://sun.mv/105767

މި ވީޑިއޯގެ އިތުރަށް، ރާއްޖޭގެ ރީތިކަމުގެ މަންޒަރުތަކާ އެކު އެހެނިހެން ވީޑިއޯތަކެއް ނާސް ވަނީ ހަދައިފައެވެ. އެގޮތުން، ދިވެހި ރައްޔިތުންނާ ބެހޭ ވީޑިއޯއަކާއި، ކަނޑުގެ ލޮނުގަނޑު އުފުލޭތީ ރާއްޖެއަށް އޮތް ނުރައްކަލާ ބެހޭ ވީޑިއޯއެއްގެ އިތުރުން ރާއްޖޭގެ ރީތިކަމާ ގުޅޭ ވީޑިއޯއަކާއި، ރަމަޟާން މަހު ދުވާލު ރާއްޖޭގެ ހުރިހާ ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ހުންނަ ކަން ދައްކައިދޭ ވީޑިއޯއެއް އޭނާ ހެދިއެވެ.

"ނާސް ޑެއިލީ" ފޭސްބުކް ޕޭޖުގައި އާންމުކުރާ ކޮންމެ ވީޑިއޯއަކަށްވެސް މިލިޔަނަކަށް ވުރެ ގިނަ ވިއުސް ލިބެއެވެ.

comment ކޮމެންޓް