ކޮފީއަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ފްރެންޗައިޒް ސްޓާބަކްސްއިން އެ ކުންފުނީގެ 3000 އަށް ވުރެ ގިނަ އައުޓްލެޓް ޗައިނާގައި ހުޅުވަން ނިންމައިފިއެވެ.
އެކުންފުނިން ބުނީ އަމާޒަކީ 2022 އަންނަންވާއިރަށް މިހާރު ޗައިނާގައި ހުރި ސްޓާބަކްސްގެ އައުޓްލެޓުތަކުގެ އަދަދު ދެގުނަ ކުރުން ކަމަށެވެ. މިހާރު ޗައިނާގައި ސްޓާބަކްސްގެ 3300 އައުޓްލެޓް އެބަހުއްޓެެވެ.
މީގެ މާނައަކީ އެވްރެޖުކޮށް އަހަރަކު 600 އައުޓްލެޓު ހުޅުވާނެ ކަމެވެ. އެ ކުންފުނީގެ އަމާޒަކީ ޗައިނާގެ އައުޓްލެޓުތަކުން ލިބޭ ފައިދާ 2022 ގެ ނިޔަލަށް ތިން ގުނައަށް އިތުރު ކުރުމެވެ.
ސައި ބުއިން އާންމު ޗައިނާގެ އާދަކާދައިގައި ކޮފީއަކީ އެހާ މަގުބޫލު އެއްޗެއް ނޫން ނަމަވެސް އެކަން މިހާރު އަންނަނީ ބަދަލުވަމުންނެވެ. ސްޓާބަކްސްއިން އަންނަނީ ޗައިނާ މާކެޓަށް ހާއްސަ ޕްރީ ކޯލްޑް ކޮފީ އާއި ސައިގެ ވެރައިޓީތައް ތައާރަފް ކުރަން ތައްޔާރު ވަމުންނެވެ.
ހުސްވި ޑިސެމްބަރު މަހު ސްޓާބަކްސްއިން ވަނީ އެ ކުންފުނީގެ އެންމެ ބޮޑު އައުޓްލެޓް ޗައިނާގެ ޝަންހާއީގައި ހުޅުވައިފައެވެ.