އަނެއް ބުރާ ފިޔަވަޅެއް ގާތުގައި، އެކަމަކު އެއީ ބޮޑު ފިޔަވަޅެއް: ނިއުގެ ކޯޗު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭ އެންމެ ފަހު މެޗުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް މިއަދު ނުކުންނާނެއެވެ.

އިންޓަރ ޒޯން ޕްލޭއޮފް ސެމީފައިނަލަށް ދިއުމަށް ނިއުއަށް މިއަދުގެ މެޗު މުހިއްމުވާ އިރު، ނިއު އޮތީ އަމިއްލަ ބާރާއެކުގައެވެ. ގްރޫޕް އީގެ އެއްވަނައިގައި ނިއު އޮތް އިރު، ބެންގަލޫރު އެފްސީން މިއަދު ބަންގާޅުގެ ދާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނެރުނު ނަމަވެސް ނިއުއިން މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދައިފިނަމަ ނިއު ކޮލިފައިވާނެއެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުއާއި އައިޒޯލް އެފްސީ މާލޭގައި ކުޅުނު މެޗު، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާއެކު ނިއުއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

"ޓީމުން އަންނަނީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން. މާލޭ ލީގުގެ މެޗު ނިންމާފައި އިންޑިއާގައި އެންމެފަހުގެ ތައްޔާރީތައް ކުރިއަށް ގެންދިޔައީ. ރިކަވަރީ ޓްރޭނިން ސެސަންތައްވެސް ގެންދިޔައިން. ނިއު މިއޮތީ އަނެއް ބުރާ ފިޔަވަޅެއް ގާތުގައި، އެކަމަކު އެއީ ވަރަށް ބޮޑު ފިޔަވަޅެއް،" މިއަދުގެ މެޗާ ގުޅިގެން އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުންޏެވެ.

އޮސްކާ ބުނީ އައިޒޯލްއަކީ އަބަދުވެސް މޮޅުވާން ކުޅޭނެ ޓީމެއް ކަމަށާއި، އެޓީމުގެ ކޯޗު ސަންތޯސް ކަޝްޔަޕަކީ އެއްވެސް މެޗެއް ފަސޭހަކޮށްލަން ބޭނުންވާނެ ކޯޗެއް ނޫންކަން އެނގޭ ކަމަށެވެ. އަދި ނިއު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ނިއުއިން މިއަދުގެ މެޗުގައިވެސް ކުޅޭނީ ނިއުގެ ސްޓައިލްގެ ފުޓުބޯޅަ ކަމަށްވެެސް އޮސްކާ ބުންޏެވެ.

"ނިއުއިން ކުޅޭ ސްޓައިލަށް ޓީމު އޮތީ ވަރަށް ފިޓްކޮށް. އިދިކޮޅު ޓީމުން ކުޅޭ ކުޅުމަށް ނިއުގެ ކުޅުން އެހާ ބޮޑަށް އެޖަސްޓް ކުރާކަށް ނުޖެހޭ. މިއީ މޮޅު ޓީމެއްގެ ފެށުން. އިދިކޮޅަށް ކޮންމެ ޓީމެއް ކުޅުނަސް ޓީމުގެ ކުޅުމުގެ ސްޓައިލަށް ބަދަލެއް ގެންނަން ނުޖެހޭ ވަރަށް ކުޅެން ކޮންމެ ޓީމެއްވެސް ފޯކަސް ކުރާނީ. ނިއުއަކީ ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރަން ބޭނުންވާ ޓީމެއް. ބައެއް ފަހަރު ކައުންޓާ އެޓޭކަށް ޖާގަ ހޯދަން ޓީމު ފަހަތަށްވެސް ޖެހޭނެ،" އޮސްކާ ބުންޏެވެ.

މެޗަށް ނުކުންނަ އިރު، އިންޑިއާގެ ސީޒަން ނިމި، އައިޒޯލަށް މިއީ ސީޒަންގެ ފަހު މެޗެވެ. އޮސްކާ ބުނީ އައިޒޯލަށް އޭއެފްސީގެ އަނެއް ބުރަށް ދެވެން ނެތުމުން އެޓީމަށް ޕްރެޝަރެއް ނެތި ކުޅެވޭނެ ކަމަށާއި، ނިއުއިން އެކަން ކަމަށް ސަމާލުވާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮސްކާ އިތުރަށް ބުނީ އިންޑިއާގެ ވަރުގަދަ ދެ ޓީމު ހިމެނޭ ގްރޫޕަކުން ރާއްޖޭގެ ޓީމަކަށް އަނެއް ބުރަށް ދެވުމަކީ ކްލަބު ފުޓުބޯޅައިގައި ލިބޭނެ ކާމިޔާބީއަކަށްވުރެ ބޮޑަށް ގައުމީ ލެވެލްގެ ކާމިޔާބެއް ކަމަށެވެ. އަދި މިއަދުގެ މެޗަކީ ކްލަބު ލެވެލްގެ މެޗަކަށްވުރެ ބޮޑަށް ގައުމީ ލެވެލްގެ މެޗެއް ގޮތުގައި އޮސްކާ ސިފަކުރިއެވެ.

"މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ނިއުގެ ފަރާތުން ދެއްކެން އޮތް ހުރިހާ އެއްޗެއް ދައްކާނެ. އެއީ މި މެޗަކީ ކްލަބު ލެވެލްގެ މެޗަކަށްވުރެ ބޮޑު މެޗެއް. އިންޑިއާގެ ވަރުގަދަ ދެ ޓީމު އެބައޮތް ގްރޫޕްގައި. އެހެންވީމަ އަނެއް ބުރަށް ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް،" އޮސްކާ ބުންޏެވެ.

ނިއުއާއިި އައިޒޯލް އެފްސީ އެ ގައުމުގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 6:15ގައެވެ.

comment ކޮމެންޓް