ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ޓީމް ފްރެންޑްސް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ޓީމް ފްރެންޑްސް އަތުން ސިފައިން މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_152642538715ineA.jpg)
ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ސިފައިންނާއި ޓީމް ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މެޗުގެ ފުރަތަމަ ހާފުގައި ސިފައިން ވަނީ ޓީމް ފްރެންޑްސް ކޮޅަށް ދެ ލަނޑު ޖަހައިފައެވެ. އާމިނަތު ޒާހިޔާ ސިފައިންނަށް ލީޑު ހޯދައިދީފައި ވަނިކޮށް، އެޓީމަށް ލީޑު ފުޅާކޮށްދިނީ މަރިޔަމް ރިފާއެވެ.
މެޗުގެ ދެވަނަ ހާފުގައި ސިފައިންގެ ތިންވަނަ ލަނޑު، ދެވަނަ ލަނޑުވެސް ޖެހި ރިފާ ކާމިޔާބުކޮށްދިން އިރު، ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޒާހިޔާއެވެ. މެޗު ނިމެނިކޮށް، ސިފައިންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ ރިފާ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ސިފައިންނަށް ތިން ލަނޑު ކާމިޔާބުކޮށްދިން ރިފާއެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ސިފައިންގެ ރިފާ ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ކޯޗު އަހްމަދު އަލީއެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ވިމެންސް ފުޓްބޯލް ކްލަބުގެ އާމިނަތު ޝާމިލާ ހޮވުނު އިރު، އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ފްރެންޑްސްގެ ފިރުޝާނާ ނަސީރެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ރިފާއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1526425429534vkj.jpg)
ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވިމެންސް ފުޓްބޯލް ކްލަބުގެ ފާތިމަތު ޝާލިޔާއާއި، ސިފައިންގެ މަރިޔަމް ރިފާއާއި، ޓީމް ފްރެންޑްސްގެ ސަފިއްޔާ ރަފާއާއި، ސިފައިންގެ އާމިނަތު ޒާހިޔާ އަދި އެޓީމުގެ ކީޕަރު ޝާއިގާ ހުސައިނެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ސިފައިންނަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕްކަން ހޯދި ޓީމް ފްރެންޑްސްއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 50,000 ރުފިޔާއެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނު ވިމެންސް ފުޓްބޯލް ކްލަބަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25,000 ރުފިޔާއެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ލ. ގަން އެފްސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އެފްސީ ދާއެޅުމެވެ. އެ މެޗުން ދާއެޅުން މޮޅުވީ 7-6ގެ ނަތީޖާއަކުންނެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދިޔަ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.