ލ. ގަން އެފްސީ ބަލިކޮށް، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީ ދާއެޅުން ހޯދައިފި

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި އެފްސީ ދާއެޅުން --- ފޭސްބުކް ފޮޓޯ/ އެޗްޑީސީ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ލ. ގަން އެފްސީ ބަލިކޮށް، އެފްސީ ދާއެޅުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ރޭ ލ. ގަން އެފްސީގެ މައްޗަށް އެފްސީ ދާއެޅުން ކުރި ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުން ދާއެޅުން މޮޅުވީ 6-7ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ދާއެޅުމުންނެވެ. ދާއެޅުމަށް އަލީ ހާފިޒު ލީޑު ހޯދައިދިން ނަމަވެސް، ލ. ގަން އެފްސީން ވަނީ ކައިރިކައިރީގައި ދެ ލަނޑުޖަހައި ލީޑު ހޯދައިފައެވެ. ލ. ގަން އެފްސީއަށް އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދާއެޅުމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދާއެޅުމުގެ މުހައްމަދު ނާޝިދާއި މުހައްމަދު އަޔާޒާއި އިބްރާހިމް ފުރުގާން (ފުގޭ) އަދި އަލީ ހާފިޒްގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، މުހައްމަދު އިމްރާން ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ލ. ގަން އެފްސީގެ ކީޕަރު އަމްރާދެވެ.

ލ. ގަން އެފްސީގެ ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދާއި ޝިނާން ޝަރީފް އަދި އަހްމަދު ހަލީމެވެ. އެޓީމުގެ އަބްދުﷲ ޖުނައިދާއި އަހްމަދު އަޖުވަދު ފޮނުވާލި ޕެނަލްޓީ، ދާއެޅުމުގެ ކީޕަރު އިސްމާއިލް މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދާއެޅުމުގެ ކީޕަރު ޗެކްއެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެފްސީ ދާއެޅުމާއި ލ. ގަން އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދާއެޅުމުގެ އަލީ ހާފިޒް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދާއެޅުމުގެ ކޯޗު އަހްމަދު ސިނާނެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ލ. ގަން އެފްސީގެ އަލީ ނާޝިދު ހޮވުނު އިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ބަޖިޔޭގެ އަބްދުﷲ ޝާފިއުއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ލ. ގަން އެފްސީގެ އަހްމަދު ހަލީމާއި، ދާއެޅުމުގެ އަލީ ހާފިޒާއި، ލ. ގަން އެފްސީގެ އަލީ ނާޝިދާއ،ި ބަޖިޔޭގެ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އަދި ދާއެޅުމުގެ ކީޕަރު ޗެކްއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދާއެޅުމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕްކަން ހޯދި ލ. ގަން އެފްސީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 50,000 ރުފިޔާއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނު ފްލެޓް 7 އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25,000 ރުފިޔާއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ރޭ ޓީމް ފްރެންޑްސް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ މެޗުން ޑީއެސްސީ މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދިޔަ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

comment ކޮމެންޓް