އަންހެން ޗެމްޕިއަންކަން ފާތީއަށް، ފިރިހެން ޗެމްޕިއަންކަން ޝާޒްއަށް

ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ އަންހެން ޗެމްޕިއަން ފާތީ(ކ) އަދި ފިރިހެން ޗެމްޕިއަން ޝާޒް(ވ) --- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދި އިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި މިރޭ ވަނީ އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައެވެ. އަންހެން ފައިނަލުގައި އާމިނަތު އަޒްރާއާ ދެކޮޅަށް ފާތީ ނުކުތް އިރު، ފިރިހެން ފައިނަލުގައި ޝާޒް ނުކުތީ އަހުސަން ހާޝިމްއާ ދެކޮޅަށެވެ.

އަންހެން ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި 7-4 ފްރޭމުން އަޒްރާ ބަލިކޮށްގެންނެވެ. އެ މެޗުގެ ކުރީކޮޅުގައި ފާތީ އަދި އަޒްރާގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

ފިރިހެން ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލުގައި 6-9 ފްރޭމުން އަހުސަން ބަލިކޮށްގެންނެވެ. އެ މެޗުގައި އެމްޕީބީއޭ ކްލަބު ރޭންކިންގެ ތިންވަނައިގައި އޮތް ޝާޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އޭނާއާ ދެކޮޅަށް ނުކުތް ރޭންކިންގެ ހަތަރުވަނައިގައި އޮތް އަހުސަންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ފިޔަވާ، އެހެން މެޗުތައް ކުރިއަށްދިޔައީ ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ. އެއީ ދެ މެޗުން ބަލިވެއްޖެނަމަ، މުބާރާތުން ކަޓާ ގޮތަށެވެ. އަންހެން ޑިވިޝަންގައި 14 ކުޅުންތެރިން ވާދަކުރި އިރު، ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކުރިއެވެ.

comment ކޮމެންޓް