އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު މި ސީޒަންގައި އެ ކްލަބު ދޫކޮށްލުމަށް ތައްޔާރުވަމުންދާ އާސެން ވެންގާ އަބަދުވެސް އިންޑިއާއަށް ޝައުގުވެރިވާ ކަމަށާއި ވަރަށް އަވަހަށް އިންޑިއާއަށް ދާނެ ކަމަށް އޭނާ ބުނެފިއެވެ.
އާސެނަލަށް ވެންގާ އިރުޝާދު ދޭ އެންމެ ފަހު މެޗުގައި މިރޭ ނުކުންނާނީ ހަޑަލްސްފީލްޑާ ދެކޮޅަށެވެ. މިދިޔަ ހަފްތާގައި ވެންގާ އާސެނަލާއެކު ނުކުތް އެންމެ ފަހު ހޯމް މެޗުގައި ސަޕޯޓަރުންނާއި ޓީމުން ވަނީ ވެންގާއަށް ފުރިހަމަ ވަދާއެއް ދީފައެވެ.
އާސެނަލް ޓީވީއަށް ވެންގާ ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އިންޑިއާއަކީ އޭނާ އަދި ނުދާ ގައުމެއް ނަމަވެސް އާސެނަލްގެ ޕްރި ސީޒަން ޓުއާވެސް އިންޑިއާގައި ބޭއްވުމަށް އޭނާ އަބަދުވެސް ބޯޑާ މަޝްވަރާ ކުރި ކަމަށެވެ.
"އަހަންނަކަށް ނޭނގެ އިންޑިއާއަށް ޝައުގުވެރިވާ ސަބަބެއް. އަބަދުވެސް އަހަރެން ދާން ބޭނުންވާ ގައުމެއް އެއީ. އާސެނަލްގެ ޕްރި ސީޒަން އިންޑިއާގައި ކުރިއަށް ގެންދިއުމަށްވެސް މަޝްވަރާ ކުރިން އެތައް ފަހަރަކު. އެކަން ވުން އޮތީވެސް ވަރަށް ގާތުގައި. ހަމަ ޔަގީނުންވެސް އަހަރެން ވަރަށް އަވަހަށް އިންޑިއާއަށް ދާނަން،" ވެންގާ ބުންޏެވެ.
މީގެ ކުރިންވެސް ބަޔާން މިއުނިކް ފަދަ ޔޫރަޕްގެ ވަރުގަދަ ކްލަބުތައް އިންޑިއާގައި ކޭމްޕްކޮށް، ޕްރި ސީޒަން ފުރިހަމަ ކޮށްފައިވާ އިރު، ވެންގާ އިތުރަށް ބުނީ އިންޑިއާއަށް އޭނާ ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ ސަގާފަތާއި ތާރީހު ކަމަށެވެ.
އެގޮތުން މަހާތަމާ ގާންދީގެ ވާހަކައަކީ އަބަދުވެސް އޭނާ ދިރާސާކޮށް، ހޯދުންތައް ހޯދާ ވާހަކައެއް ކަމަށާއި، މަހާތަމާ ގާންދީގެ ހިތްވަރުން މިއަދު އިންޑިއާ ކުރިއަރަމުން އަންނަ އައުމަކީ އޭނާގެ ހިތް އިންޑިއާއަށް ދަމާގަތް ސަބަބެއް ކަމަށްވެސް ވެންގާ ބުންޏެވެ.
އިންޑިއާއަކީ މި ސަރަހައްދުގައި ފުޓުބޯޅަ ކުރިއެރުވުމަށްވެސް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ގައުމެވެ. ދާދި ފަހުން އެ ގައުމުގައި ތައާރަފް ކުރި އިންޑިއަން ސުޕަ ލީގާއެކު އިންޑިއާގެ ފުޓުބޯޅަ މުޅި ދުނިޔެއަށް އިޝްތިހާރުވަމުންދާ އިރު، ގިނަ އަދަދެއްގެ ޓޮޕް ލެވެލް ކުޅުންތެރިންނާއި ކޯޗުންވެސް އެގައުމުގެ ފުޓުބޯޅައިން ފެންނަމުން ދެއެވެ.
އާސެނަލްގައި ހޭދަކުރި 22 އަހަރު ތެރޭގައި 17 ތަށި ހޯދައިފައިވާ ވެންގާ ބުނެފައި ވަނީ އާސެނަލްގެ ކޯޗުކަމުން ދުރުވުމަށްފަހު އޭނާ ހިޔާލުކުރަނީ ކުޑަ ޗުއްޓީއަކަށްފަހު އަނެއްކާވެސް މަސައްކަތަށް ނުކުތުމަށް ކަމަށެވެ. އެހެން ނަމަވެސް އޭނާ ދެން މަސައްކަތް ކުރާނެ ވަކި ގައުމެއް، އަދި ވަކި ދާއިރާއެއްވެސް ވެންގާ އަދި ހާމަކޮށްފައެއް ނުވެއެވެ.