ނުރައްކާތެރި މިންވަރަކަށް އެބޯލާ ފެތުރިދާނެތީ ޑަބްލިއުއެޗްއޯއިން ތައްޔާރުވަނީ

އެބޯލާގެ އެންމެ "ވޯސްޓް ކޭސް ސިނާރިއޯ"އަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތަައްޔާރުވާން ފަށައިފިއެވެ.

ނުރައްކާތެރި މިންވަރަކަށް އެބޯލާ ފެތުރިދާނެތީ ޑަބްލިއުއެޗްއޯ އިން ތައްޔާރުވާން ފަށާފައި މިވަނީ ކޮންގޯ އިން އެ ބަލި ފެނުމާ ގުޅިގެންނެވެ.

ޑަބްލިއުއެޗްއޯގެ ޑެޕިއުޓީ ޑިރެކްޓަރު، ޖެނެރަލް އޮފް އެމަޖެންސީ ޕްރިޕާޑްނެސް އެންޑް ރެސްޕޮންސް ޕީޓާ ސަލާމާ ވިދާޅުވީ، ކުރަން އޮތީ ބުރަ މަސައްކަތެއް ކަމަށާއި ހަރަދުވެސް ބޮޑު މަސައްކަތެއް ކަމަށެވެ.

ބުދަ ދުވަހުގެ ނިޔަލަށް ކޮންގޯގެ 32 މީހެއްގެ ގައިން އެބޯލާ ކަމަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާއިރު ހެލްތު ވޯކަރަކާއެކު މިހާތަނަށް 18 މީހަކު ވަނީ މަރުވެފައެވެ. އަދި ދެ މީހެއްގެ ގައިން އެބޯލާ ފެނިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

މިހާތަނަށް ހެދި ޓެސްޓްތަކުން ދެ މީހެއްގެ ގައިން އެބޯލާގެ ވައިރަސް ފެނުނުކަން ކަށަވަރު ކުރެވިފައިވާއިރު އިތުރު ދިހަ ޓެސްޓެއް ހެދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮންގޯ އިން އެބޯލާ ފެނުނު މިއީ ނުވަވަނަ ފަހަރެވެ. އެ ގައުމުން ފުރަތަމަ ފަހަރަށް އެ ވައިރަސް ފެނުނީ 1976 ވަނަ އަހަރުގައެވެ. އަދި އެބޯލާއަށް އެ ނަން ދިނީ އެގައުމުގައި އޮންނަ އެބޯލާ ކޯރާ ގުޅުވައިގެންނެވެ. އެ ގައުމުގައި މިދިޔަ އަހަރު ވެސް އެބޯލާ ފެތުރި، ހަތަރު މީހަކު މަރުވެފައިވެއެވެ.

އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ އެބޯލާ ވައިރަސް 2014 ވަނަ އަހަރު ހުޅަނގު އެފްރިކާއަށް ފެތުރި، އޭގެ ސަބަބުން ގިނީ، ސިއޭރާލިއޯން އަދި ލައިބީރިއާ އިން 11،300 މީހުން މަރުވިއެވެ.

އެބޯލާ ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުންނެވެ. އެ ވައިރަހުގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުން ހިމެނެއެވެ. އޭގެ ފަހުން ހޮޑުލެވި، ބޭރަށް ހިންގައި، އެތެރެ ހަށިންނާއި ބޭރު ފުށުން ލޭ މަނާ ނުވެ، ލޭ ފައިބާ ގޮތް މެދުވެރިވެއެވެ.

comment ކޮމެންޓް