އެބޯލާ ފެތުރިދާނެތީ ކޮންގޯއަށް ހައްޖު ވިސާ ދިނުން ހުއްޓުމަކަށް

ކޮންގޯގައި އެބޯލާއަށް ވެކްސިން ދެނީ -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ޖުލައި 27): ސައުދީ އަރަބިއާއަށްދާ ހައްޖުވެރިންގެ މެދުގައި އެބޯލާ ފެތުރިދާނެތީ އެގައުމުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފި އެވެ.

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން އެއިއުލާން ކުރީ، ކޮންގޯގައި އެބޯލާ ފެތުރުމަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުން އޮތް ސިއްހީ އެމާޖެންސީއެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނި ފަހުންނެވެ.

"ހައްޖުވެރިންގެ ދުޅަހެޔޮކަމަށްޓަކައި، ކޮންގޯއިން އަންނަ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފިން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ކޮންގޯ ރިސާޗް ގުރޫޕުން ބުނާ ގޮތުގައި އެގައުމުގެ އާބާދީގެ ތިން ޕަސެންޓަކީ މުސްލިމުންނެވެ.

ސައުދީން އެފިޔަވަޅު އެޅީ ޑަބްލިއުއެޗްއޯއިން ސިއްހީ އެމާޖެންސީއެއް އިއުލާންކުރި ނަމަވެސް ކޮންގޯގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރުމަށް ހުރަސް ނޭޅުމަށް އެޖަމްއިއްޔާއިން އެދިފައި ވަނިކޮށެވެ.

މިދިޔަ އޮގަސްޓު މަހު ކޮންގޯގައި އެބޯލާ ފެތުރެން ފެށި ފަހުން އެވައިރަހުގެ ސަބަބުން 1،700އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މީގެ ކުރިން 2014 އާއި 2016އާ ދޭތެރޭ އެބޯލާ އެންމެ ބޮޑަށް ފެތުރުނު އިރު ހުޅަނގު އެފްރިކާއިން 11،300 މީހުން މަރުވި އެވެ.

comment ކޮމެންޓް