އެބޯލާ ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ކުޑަ: އެޗްޕީއޭ

އެޗްޕީއޭ ހިންގަމުންދާ ހެލްތު މިނިސްޓްރީގެ އިމާރާތް-- ސަން ފައިލް ފޮޓޯ

މިހާރު އެފްރިކާގެ ގައުމެއްކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އެބޯލާ ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އެފަދައިން ބުނިއިރު އެބޯލާ ރޯގާއަކީ ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވުން އޮތް އާއްމު ސިއްހަތުގެ އިމަރޖެންސީ ('ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން') އެއް ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން މިދިޔަ އަންގާރަ ދުވަހު ވަނީ ކަނޑައަޅައިފަ އެވެ.

އެޗްޕީއޭ އިން ބުނީ އެބޯލާ ފެތުރުމުގެ ފުރުސަތު ބޮޑު ޤައުމުތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައި ވަނީ ޑީއާރުސީގެ އަވަށްޓެރި ގައުމުތައް ކަމަށެވެ. އަދ ބުނީި އެބޯލާއިން މި ގައުމުތައް ރައްކާތެރި ކުރުމަށް އިތުރު އަދި ހާއްސަ ފިޔަވަޅުތަކެއް އަޅައި، ތައްޔާރުވުމުގެ މަސައްކަތް މިހާރު ވެސް ހިންގަމުންދާ ކަމަށެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނިޝާން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެބަލި ފެތުރަމުންދާ ކޮންގޯއަކީ ދިވެހިން ވެސް އާންމުކޮށް ގޮސްއުޅޭ ގައުމެއް ނޫން ކަމަށެވެ.

"އަދި ކޮންގޯއިން ވެސް ރާއްޖެއަކަށް މީހުންނެއް ވަރަަށް މަދުން ނޫނީ ނާދޭ. ދެން އެ ގައުމުގެ މީހަކު އެހެން ގައުމަކަށް ދިޔަޔަސް މީހުން ސްކްރީން އެބަކުރޭ. އެހެންވީމާ އެބޯލާ ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ،" ނިޝާން ވިދާޅުވި އެވެ.

ނިޝާން އިތުރަށް ވިދާޅުވީ އެބޯލާއަށް ދުނިޔޭގައި ތައްޔާރުކޮށްފައި ވަނީ ވެކްސިންގެ ސްޓޮކްވެސް ވަރަށް މަދު ކަމަށެވެ. އަދި އެ ވެކްސިން މިވަގުތު ބޭނުންކުރަމުން ދަނީ ކޮންގޯގައި ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަޔަސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އެއީ އިމަރޖެންސީއެއް ކަމަށް ކަނޑައެޅުމާ އެކު، އެފަދަ އިމަޖެންސީއެއް ދިމާވުމުން ކަންކުރާނެ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރެސްޕޮންސް ޕްލޭން އެކްޓިވޭޓް ކުރެވި، އެބަލިން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މިހާރު ފަށައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް