ދުނިޔޭގައި މިހާތަނަށް ފެތުރުނު އެންމެ ނުރައްކާތެރި ޕެންޑެމިކްތައް

ޕެންޑެމިކެއް ފެތުރިގެން އުޅުމުގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑު އުފުލަނީ-- ފޮޓޯ:އިންޓަނެޓް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އަކީ ޕެންޑެމިކްއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ މިވަނީ ކަނޑައަޅާފައެވެ. އެތައް އަހަރެއް ވަންދެން ސައިންޓިސްޓުންނާއި ސިއްޚީދާއިރާއާއި ގުޅޭ ދިރާސާވެރިންދަނީ ޕެންޑެމިކްއެއްގެ ތަފްސީލީ މާނައަކީ ކޮބައިކަން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މިހާތަނަށް އެނގޭކަމަކީ 'ޕެންޑެމިކް' އެކޭ މިކިޔެނީ، ބައްޔެއް ވަކި ސަރަހައްދީ އިންތަކުން ބޭރުވެ، ފެތުރިގެން އަންނަ އައުމަށްކަމެވެ.

ތާރީޚީގޮތުން ބަލާއިރު، ކޮލެރާ، ބިއުބޭނިކް ޕްލޭގް، ސްމޯލްޕޮކްސް އަދި އިންފްލުއެންޒާއަކީ މުޅި ދުނިޔޭގައި ފެތުރުނު އަދި އެތައް ބައެއްގެ ފުރާނަ ގެއްލުވާލި ބަލިމަޑުކަމެކެވެ. މިފަދަ ބަލިތަކަކީ ޕެންޑެމިކްއެއްގެ ގޮތުގައި ކެޓަގަރައިޒް ކުރެވޭއިރު، އެޕިޑެމިކްއެއްގެ ތަފާތުކަމަކީ އެއީ ހަމައެކަނި ވަކި ސަރަހައްދެއްގައި ފެތުރޭ ބައްޔަކަށް ނުވަތަ ބަލިމަޑުކަމަކަށްވުމެވެ. މީގެ އެއް މިސާލަކީ ވެސްޓް އެފްރިކާގެ ސަރަހައްދުތަކުގައި ފެތުރުނު އެބޯލާ ވައިރަސް އެވެ. މި ހިމަނާލަނީ އިންސާނީ ތާރީޚު ދުށް އެންމެ ނުރައްކާތެރި "ޕެންޑެމިކް"ތަކެވެ.

އެޗްއައިވީ ޖެހިފައިވާ މީހަކަށް ފަރުވާދެނީ--ފޮޓޯ:އިންޓަނެޓް

އެޗްއައިވީ އެއިޑްސް (2012-2005)

މަރުވި މީހުންގެ އަދަދު: 36 މިލިއަން

އެޗްއައިވީ އެއިޑްސް އެންމެ ފުރަތަމަ ފެނުނީ 1976 ވަނަ އަހަރު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. 1981 އިން ފެށިގެން މި ބަލީގައި މުޅި ދުނިޔެއިން 36 މިލިއަން މީހުން މަރުވިއިރު މިއީ ހަމަ ޔަގީނުންވެސް ޕެންޑެމިކްއެއްކަން މިވަނީ ކަށަވަރުކޮށްދީފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރުވެސް 35 މިލިއަނެއްހާ މީހުން އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާއިރު މީގެތެރޭގައި އެންމެ ގިނައީ އެފްރިކާގެ ސަބްސަހަރާ ސަރަހައްދުތައް ކަމުގައި ދައްކައެވެ. އެޗްއައިވީއަށް ލޯހުޅުވި، ހޭލުންތެރިވުމުގެ ނަތީޖާއެއްގެ ގޮތުން މި ބަލި މެނޭޖް ކުރެވޭނެ ފަދަ ފަރުވާތަކެއް މިހާރުވަނީ ހޯދިފައެވެ. 2005 އަކާއި 2012 ވަނަ އަހަރާއި ދެމެދު އެޗްއައިވީއިން މަރުވި މީހުންގެ އަދަދުވަނީ 2.2 މިލިއަނުން 1.6 މިލިއަނަށް ދަށްކުރެވިފައެވެ.

ހޮންގްކޮންގް ފްލޫ--ފޮޓޯ:އިންޓަނެޓް

ހޮންގްކޮންގް ފްލޫ (1968)

މަރުވި މީހުންގެ އަދަދު: 1 މިލިއަން

1968 ވަނަ އަހަރު ހޮންގްކޮންގް އިން ފެތުރެންފެށި ކެޓެގަރީ 2ގެ ފްލޫ ނުވަތަ ހުމަކީވެސް ދުނިޔޭގައި ފެތުރުނު އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރެއިން އެއް ބައްޔެވެ. މި ބަލީގެ އެންމެ ފުރަތަމަ ކޭސް 1968ގެ ޖުލައިމަހުގެ 13 ވަނަ ދުވަހު ރިޕޯޓުކުރެވުނުއިރު އެންމެ 17 ދުވަސްތެރޭ ސިންގަޕޫރާއި ވިއެޓްނާމްއިން މި ބަލި ފެނުނެވެ. އަދި ތިން މަސްދުވަސްތެރޭ ފިލިޕީންސް، އިންޑިއާ، އޮސްޓްރޭލިއާ، ޔޫރަޕް އަދި އެމެރިކާއިންވެސް މި ބަލި ފެނުނެވެ. މި ބަލީގައި މަރުވަނީ ބަލިޖެހޭ މީހުންގެ އެންމެ ފަސް ޕަސަންޓު މީހުން ކަމުގައިވިޔަސް، ފްލޫގެ ޝިކާރައަކަށްވެ ހޮންގްކޮންގެ އާބާދީގެ 15 ޕަސަންޓު މީހުން މަރުވިއެވެ.

އޭޝިއަން ފްލޫ ޖެހިފައިވާ ބައެއް އެކަހެރިކޮށްފައި--ފޮޓޯ:އިންޓަނެޓް

އޭޝިއަން ފްލޫ (1958-1956)

މަރުވި މީހުންގެ އަދަދު : 2 މިލިއަން

އޭޝިއަން ފްލޫއަކީ 1956 ވަނަ އަހަރު ޗައިނާއިން ފެތުރެންފެށި ހުމެކެވެ. ދެއަހަރުގެ މުއްދަތަކަށް ދިގުދެމިގެންދިޔަ ބަލިމަދުކަމުގެ ޝިކާރައަކަށް ޗައިނާގެ އިތުރުން ސިންގަޕޫރު، ހޮންގްކޮންގް އަދި އެމެރިކާވިއެވެ. ޖުމްލަ ދެ މިލިއަން މީހުން މި ބަލީގައި މަރުވިއިރު އޭގެތެރެއިން 69،800 މީހުންނަކީ އެމެރިކާގެ ރައްޔިތުންނެވެ.

ފްލޫޖެހިފައިވާ ބަޔަކު އެކަހެރިކޮށްފައި--ފޮޓޯ:އިންޓަނެޓް

ފްލޫ ޕެންޑެމިކް (1918)

މަރުވި މީހުންގެ އަދަދު : 50-20 މިލިއަން މީހުން

1918 އާއި 1920 އާއި ދެމެދު ދުނިޔޭގައި އިންފްލުއެންޒާގެ ވަރުގަދަ ހުމެއް ފެތުރުނެވެ. ބަލި ފެތުރެންފެށިތާ ފުރަތަމަ 25 ހަފްތާގެ ތެރޭގައި 25 މިލިއަން މީހުން މަރުވިއެވެ. މި ބައްޔާއި އެހެނިހެން އިންފްލުއެންޒާ ހުމުގެ އެންމެ ބޮޑު ތަފާތަކަށްވީ، ބަލިޖެހުނު މީހުންނެވެ. މިގޮތުން އާންމުކޮށް އިންފްލުއެންޒާގައި ކުޑަކުދިންނަށް ބޮޑުވަރުވެ ފުރާނަގެއްލޭއިރު މި ފަހަރު ފުރާނަ ގެއްލުނީ ދުޅަހެޔޮކޮށްތިބި ބޮޑެތި މީހުންނެވެ.

ކޮލެރާއަށް ވެކްސިންދެނީ --ފޮޓޯ:އިންޓަނެޓް

ހަވަނަ ކޮލެރާ (1910-1911)

މަރުވި މީހުންގެ އަދަދު: 80،000 އަށްވުރެ ގިނަ

ކޮލެރާއަކީ ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމަށްވާއިރު، މި ބަލި ދުނިޔޭގައި ފެތުރުނު ހަވަނަ ފަހަރު، މުޅި ދުނިޔެ ސިއްސުވާލިއެވެ. މިފަހަރު ކޮލެރާ އެންމެ ފުރަތަމަ ފެނުނީ އިންޑީއާއިންކަމަށްވާއިރު، މެދުއިރުމައްޗާއި، އުތުރު އެމެރިކާ، އިރުމަތީ ޔޫރަޕަށް މި ބަލި ދަތުރުކުރުމުގެ ކުރިން އިންޑިއާއިން 80،000 މީހުން މަރުވިއެވެ. ކުރީގެ ތަޖުރިބާތަކަށް ބަލައި މިފަހަރު އެމެރިކާއިން ވަރަށް ބޮޑަށް ހުށިޔާރުވުމުގެ ނަތީޖާއަކަށްވީ މަރުވި މީހުންގެ އަދަދު އެންމެ 11 އަށް މަދު ކުރެވުމެވެ.

ޕްލޭގް ޖެހިފައިވާ ބައެއްގެ ހާލަތު އަންގައިދޭ ތަސްވީރެއް

ދަ ބްލެކް ޑެތު (1246-1353)

މަރުވި މީހުންގެ އަދަދު: 200-75 މިލިއަން

ބިއުބޭނިކް ޕްލޭގް ނުވަތަ "ދަ ބްލެކް ޑެތު" އަކީ 1346 އިން 1353 އާއި ދެމެދު މުޅި ޔޫރަޕާއި އެފްރިކާ އަދި އޭޝިޔާ ބައްރުގައި ފެތުރުނު ބަލިމަޑު ކަމެކެވެ. ބެލެވޭ ގޮތުގައި މިއީ މީދަލުގެ ސަބަބުން ޖެހުނު ބައްޔެކެވެ. އަދި ބަލީގައި ބޮޑަށް އަސަރުކުރީ ބޯޓުތަކާއި ހާބަރުތަކަށެވެ.

ތިންވަނަ ކޮލެރާ (1852-1860)

މަރުވި މީހުންގެ އަދަދު: 1 މިލިއަން

މިއީ ކޮލެރާ ބަލި ދުނިޔޭގައި ފެތުރުނު ހަތް ފަހަރުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ފަހަރެވެ. އަށް އަހަރަށް ދިގުދެމިގެންދިޔަ މި ބަލިމަޑުކަން ފެށުނު ކަމަށް ބުނެވެނީ އިންޑިއާގެ ގަންގާ ކޯރުންނެވެ. އެއާއެކު، މުޅި އޭޝިޔާއާއި، ޔޫރަޕު، އުތުރު އެމެރިކާ އަދި އެފްރިކާއަށްވެސް މިބަލި ދިޔައިރު އެއް މިލިއަނަށްވުރެ ގިނަމީހުން ކޮލެރާގެ ޝިކާރައަކަށްވިއެވެ. މި ބަލީގެ އަސްލަކީ ތަޣައްޔަރުވެފައިވާ ފެންކަމަށް ދެނެގަނެވުނީ އިނގިރޭސިވިލާތުގެ ޑޮކްޓަރެއްކަމުގައވާ ޖޯން ސްނޯއަށެވެ.

މި ބަލިމަޑުކަން ނުވަތަ ޕެންޑެމިކްތަކާއިއެކު، 541 ވަނަ އަހަރުގައި މުޅި ޔޫރަޕްގެ ދެބައިކުޅައެއްބައި ނެތިކޮށްލި ބިއުބޭނިކް ޕްލޭގްއާއި، 165 ވަނަ އަހަރު، ދުނިޔެއިން ފަސް މިލިއަން މީހުން މަރުވެ ގޮތްނޭނގޭ އެހެން ޕްލޭގްއަކީވެސް ތާރީޚުގައި ހިމެނިފައިވާ އެންމެ ނުރައްކާތެރި ބަލިތަކެވެ.

ކޮވިޑް-19 އަކީ ޕެންޑެމިކް އެއްގެ ގޮތުގައި މިހާރު ހިމެނިފައިވާއިރު، ދުނިޔޭގެ 114 ގައުމެއްގައި ގާތްގަނޑަކަށް 118،000 މީހުންނަށް މި ބަލި ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

comment ކޮމެންޓް