މިއީ މުޅި ތ. އަތޮޅަށް ނަގައިދިން ތަށްޓެއް!

ތިމަރަފުށިން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ފައިނަލްގައި ރޭ ކުޅުނު މެޗުގައި ތ. ތިމަރަފުށިން ށ. ފޯކައިދޫ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުވެސް މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅެ ނާކާމިޔާބުވި ތިމަރަފުއްޓަށް ރޭގެ ފައިނަލް ވެގެންދިޔައީ ވަރަށް ކާމިޔާބު ފައިނަލަކަށެވެ. ޓީމުގެ ކާމިޔާބީގެ ފަހަތުގައި ގިނަބައެއްގެ ހިއްސާ އެކުލެވޭ އިރު، މެޗަށް ތިމަރަފުށި ނުކުތީވެސް ރައްޔިތުންގެ އެދުމަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދާށެވެ. މިއަދު އެޓީމަކީ ރާއްޖޭގެ ޗެމްޕިއަނެވެ.

"ފުރަތަމަވެސް ހެއްދެވި ފަރާތައް ޝުކުރު އަދާކުރަން. ހަމަ ހުރިހާ ކުޅުންތެރިންނާ ތިމަރަފުށީގެ ލޮބުވެތި ރައްޔިތުންގެ ހިއްސާއާއެކު ފައިނަލް ކާމިޔާބުކުރެވުނީ. މިއީ ތިމަރަފުއްޓަށް އެކަންޏެއް ނޫން، މުޅި ތ. އަތޮޅަށް ލިބުނު ފަހުރެއް. ތިމަރަފުއްޓަށް ނަގައިދިން ތައްޓެއް ނޫން މިއީ. މުޅި ތ. އަތޮޅަށް ނަގައިދިން ތަށްޓެއް މިއީ،" ރޭގެ މެޗުގައި ހޯދި ފުރިހަމަ ކާމިޔާބީއަށްފަހު ވާހަކަ ދައްކަމުން ޓީމުގެ ކެޕްޓަން އަބްދުލް ނާސިރު ބުންޏެވެ.

ނާސިރު ބުނީ ރަށަށް ތަށި ލިބުމަކީ ޒުވާނުންނާއި ކައުންސިލް، އަދި މުޅި ރަށުގެ ރައްޔިތުންގެ ހިއްސާ އޭގައި އެކުލެވޭ ކަމެއް ކަމަށެވެ.

"ރަށުގެ ހުރިހާ ޒުވާނުންނާ، ކައުންސިލް، އަދި ހުރިހާ ރައްޔިތުންނާއެކު މި ހިސާބަށް އާދެވުނީ. އިރާދަކުރެއްވިއްޔާ ލީގުގައި ތަފާތު ދައްކާނެ ތިމަރަފުށި،" ނާސިރު ފާހަގަކުރިއެވެ.

މެޗަށްފަހު އުފާ ފާޅުކުރުމުގެ ތެރެއިން ވާހަކަ ދައްކަމުން ޓީމުގެ އެސިސްޓެންޓް ކޯޗު އިބްރާހީމް އާމިރު ބުނީ ހުރިހާވެސް ޝުކުރެއް ހައްގުވަނީ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ އިތުރުން ރަށުގެ ރައްޔިތުންނަށް ކަމަށެވެ.

"ޓީމުގެ ހުރިހާ ކުދިން ކުރި މަސައްކަތަށްވެސް ހަމަ ވަރަށް ބޮޑަށް ސާބަސް ދެން. އެއާއެކު ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ 2016ގެ ފަހުން ވަރަށް ކުރަން ބޭނުންވެފައި ތިބި ކަމެއް. ތަށި ނެގޭތޯ ފުރަތަމަ ޕްރެކްޓިސްއިން ފެށިގެން މަސައްކަތް ކުރަމުން އައިސް މި ނެގުނީ،" އާމިރު ބުންޏެވެ.

އާމިރު ބުނީ ރަށުން އާ ޖީލެއް ނުކުމެ ތަށި ނެގުމަކީ ލިބޭ އުފަލެއް ކަމަށާއި، ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

"މިއީ ހަމަ ކުޅުންތެރިން ކުރި ހިތްވަރު. ވަރަށް ޒުވާން ކުޅުންތެރިންތަކެއް މިއީ. ކުރިން ފަހަރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތިން ކުޅުންތެރިން މިތިބީ. ދެން ހަމަ ރަށުގައި ތިބި މުޅިން އާ ކުޅުންތެރިންނާއެކު އައިސް މި ނަތީޖާ ނެރެވުނީ ކުޅުންތެރިންގެ ހިތްވަރުން،" އާމިރު ފާހަގަކުރިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރެއްވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ އިރު، ޗެމްޕިއަން ތިމަރަފުށީގެ އިތުރުން މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ކުޅޭނީ ބ. ފެހެންދުއާއި ރަނަރަޕް ށ. ފޯކައިދޫ އަދި ފ. ނިލަންދުއެވެ.

comment ކޮމެންޓް