މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު، ސާ އެލެކްސް ފާގަސަންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިސީޔޫގައި ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.
ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ސާ އެލެކްސް ފާގަސަން އިމަޖެންސީ ސާޖަރީއެއް ހަދާފައިވަނީ މި ހަފްތާ ތެރޭގައެވެ. ރޭގެ ވަގުތެއްގައި ފާގަސަން އައިސީޔޫއިން ނެރެފައިވީ ނަމަވެސް، މުޅިން އެއްކޮށް ރިކަވާވުމަށް، އޭނާ އޮޕަރޭޝަން ކުރި ސަލްސްފޯޑް ރޯޔަލް ހޮސްޕިޓަލުގައި އަދި ދުވަސްތަކެއް ހޭދަވާނެއެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާގަސަންގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށާއި، ގިނަބައެއްގެ ތައުޒިޔާތަކަށް އާއިލާއިން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ސާޖަރީން ރިކަވާ ވުމަށް ވަގުތު ބޭނުންވާ ކަމަށާއި، އާއިލާއާއި ފާގަސަންގެ ޒާތީ ކަންކަމަށް އިހުތިރާމް ކުރުމަށްވެސް ޔުނައިޓެޑްގެ ބަޔާނުގައިވެއެވެ.
މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައި ފާގަސަން ވަނީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ އަގުވަޒަން ކުރުމުގެ ގޮތުން ކްލަބުގެ ފަރާތުން އެރުވި ހާއްސަ ފިލާ އޭނާއަށް އަރުވައިފައެވެ.
އިނގިރޭސި ފުޓްބޯޅަ ދުށް އެންމެ ކާމިޔާބު ކޯޗު، ސާ އެލެކްސް ފާގަސަން ވަނީ އޭނާ ޔުނައިޓެޑްގައި ހޭދަކުރި 26 އަހަރުގެ ތެރޭގައި 38 ތަށި ހޯދައިދީފައެވެ. އޭގެ ތެރޭގައި 13 ޕްރިމިއާ ލީގު ތަށި ހިމެނެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި 26 އަހަރު ހޭދަކުރުމަށްފަހު 2013 ވަނަ އަހަރު ރިޓަޔާކުރި އުމުރުން 76 އަހަރުގެ ފާގަސަންގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.