އަންހެން ޑިވިޝަންގެ ކުއާޓާގެ މެޗުތައް މިރޭ ފަށަނީ

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ މެޗެއްގެ ތެރެއިން: އަންހެން ޑިވިޝަންގެ ކުއާޓާގެ މެޗުތައް މިރޭ ފެށިގެންދާނެ ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ ފަށާނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުޅެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:00ގައެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދި ޒެނިތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރޫޕް ސީގެ ދެވަނަ ހޯދި ޓީމް ފްރެންޑްސް މިރޭ ނުކުންނަ އިރު، ގްރޫޕް ބީގެ އެއްވަނަ ހޯދި އުރީދޫ ޓީމާ ދެކޮޅަށް ގްރޫޕް ޑީގެ ދެވަނަ ހޯދި ޓީމް ފިސާރި އެފްސީ ނުކުންނާނެއެވެ.

ކުއާޓާގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:00ގައެވެ. ގްރޫޕް ސީގެ އެއްވަނަ ހޯދި ވިމެންސް ފުޓްބޯލް ކްލަބާ ދެކޮޅަށް ގްރޫޕް އޭގެ ދެވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބު މާދަމާ ރޭ ނުކުންނަ އިރު، ގްރޫޕް ޑީގެ އެއްވަނަ ހޯދި ކަނބަލުންނާ ދެކޮޅަށް ގްރޫޕް ބީގެ ދެވަނަ ހޯދި ލޭޑީ ލަކް ނުކުންނާނެއެވެ.

ގްރޫޕް އޭގެ އެއްވަނައިގައި ނިންމާލި ޒެނިތުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދި އިރު، ދެވަނައިގައި ނިންމާލި ޑީއެސްސީއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ގްރޫޕް ބީގައި ތިން ޓީމެއް ހިމެނުމުން ކޮންމެ ޓީމެއް ވެސް ކުޅެފައިވަނީ ދެ މެޗެވެ. އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި އުރީދޫން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދި އިރު، ދެވަނައިގައި ނިންމާލި ލޭޑީ ލަކްއަށް ލިބުނީ ތިން ޕޮއިންޓެވެ.

ގްރޫޕް ސީގެ އެއްވަނައިގައި ނިންމާލި ވިމެންސް ފުޓްބޯލް ކްލަބު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދި އިރު، ދެވަނައިގައި ނިންމާލި ޓީމް ފްރެންޑްސްއަށް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕް ޑީގެ އެއްވަނައިގައި ނިންމާލި ކަނބަލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދި އިރު، ދެވަނައިގައި ނިންމާލި ޓީމް ފިސާރި އެފްސީއަށް ލިބުނީ ހަ ޕޮއިންޓެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 15 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާއެވެ.

comment ކޮމެންޓް