މާމެންދޫގައި ގްރޫޕަކުން އަންހެނަކު ރޭޕްކޮށްލައިފި

ގއ. މާމެންދޫގައި ގްރޫޕަކުން އަންހެނަކު ރޭޕްކޮށްލައިފިއެވެ.

މާމެންދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ މިރޭ 7:30 އެހައިކަންހާއިރު ގްރޫޕަކުން ރޭޕްކޮށްލާފައި ވަނީ އެރަށު މީހަކާ އިނދެން އުޅޭ އައްޑޫ ސިޓީއަށް ނިސްބަތްވާ 18 އަހަރުގެ އަންހެނެއް ކަމަށެވެ.

ރޭޕްކޮށްލުމުން އެ އަންހެން މީހާ ހޭނެތިގެން އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ ފިހާރައަކުން ނުކުމެގެން އަނދިރިމަގަކުން ގެއަށް ދަނިކޮށް ބަޔަކު ގޮސް އޭނާ ހިފެހެއްޓުމަށްފަހު ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މާމެންދޫ މީހަކާ އިނދެގެން އެ އަންހެން މީހާ އެ ރަށުގައި އުޅޭތާ އަދި ވާނީ އެއް އަހަރު ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އެ އަންހެން މީހާގެ ހަށިގަނޑު ޒަޚަމްތަކެއް ހުރި ކަމަށާއި އިތުރު ފަރުވާއަށް އެއަތޮޅު ވިލިނގިއްޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ވިލިނގިލީ ޕޮލިސްޓޭޝަންގެ ޚާއްސަ ޓީމެއް އަންނަނީ މާމެންދޫގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް