އިންޑިއާގައި ހަތް މީހުން ވެގެން ފަތުރުވެރިއަކު ރޭޕުކުރި މައްސަލައެއް

ރޭޕްގެ ޝިކާރައަށްވި ފަނެންޑާ ފިރިމީހާއާ އެކު އިންޑިއާގެ ތާޖް މަހަލް ކައިރީގައި -- ފޮޓޯ/ ޓެލެގްރާފްޔޫކޭނިވްސް

އިންޑިއާގެ އިރުމަތީ ސްޓޭޓް ގަރްކާންދަށް ޗުއްޓީއަށް ގޮސް އުޅުނު ސްޕެއިންގެ އަންހެނަކު ގޭންގް ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގެ ފިލްމީތަރިން ކަމަށްވާ ރިޗާ ޗައްދާ، ވީރް ދާސް އަދި ދުލްކަރް ސަލްމާން ފަދަ ތަރިން ވަނީ ޖަރްކާންދު ސްޓޭޓްގައި ބަޔަކު މީހުން ހިންގި މި ޢަމަލަކީ ވަރަށް ހުތުރު ހަޑި މުޑުދާރު ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ގޭންގު ރޭޕްގެ ޝިކާރައަކަށްވި ސްޕޭނަށް ނިސްބަތްވާ އަންހެންމީހާ ގަރްކާންދަށް ދިޔައީ އޭނާގެ ފިރިމީހާއާ އެކު ސައިކަލު ދަތުރެއްގައެވެ.

ފަނެންޑާ ނަމަކަށް ކިޔާ މި އަންހެންމީހާ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ ހީވެސް ނުކުރާ ފަދަ ބިރުވެރި ހާދިސާއެއް އެ ދެމަފިރިންނަށް ދިމާވެފައިވާ ކަމަށާއި އެއްވެސް މީހަކަށް އެފަދަ ކަމެއް ކުރިމަތިވުމަށް ނޭދޭ ކަމަށެވެ.

ސްކައިނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަނެންޑާގެ ދެމަފިރިން ޖަރްކާންދަށް ދިޔައީ އެކި ސަރަހައްދުތަކުގައި ކޭމްޕް ޖެހުމަށް ފަހު މަޑުކޮށްލާނެ ހޮޓަލެއް ހޯދުމަށެވެ. ދެ ލައްކައަށްވުރެ ގިނަ ފޮލޯވާސް ތިބި ފަނެންޑާގެ ދެމަފިރިންނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ސައިކަލުގައި ދަތުރުކޮށް އެ މީހުންގެ ދަތުރުތައް ޑޮކިއުމެންޓުކުރާ ބައެކެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ފަނެންޑާގެ ފިރިމީހާ ބުނެފައިވަނީ އަންހެނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުން އޭނާއަށް އަނިޔާކުރަން ފެށި ކަމަށާއި އެންމެ ފަހުން އެ މީހުން އޭނާ ބަނދެ ކަރުގައި ވަޅި ޖެއްސި ކަމަށެވެ. މި ހާދިސާއާ ގުޅިގެން މި ދެމަފިރިންނަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުގައިވަނީ ބުނެފައެވެ.

ފަނެންޑާގެ ދެމަފިރިން މިއަދުގެ ވަގުތެއްގައި ނޭޕާލް މަގުން ސްޕެއިނަށް ދަތުރު ކުރާނެކަމަށް ޓެލްގްރާފް ނޫހާ ހަވާލާދީ ޚަބަރުތަކުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭއިރު ރޭޕްގެ މުޑުދާރު އަމަލު ހިންގި މީހުން ވަނީ ފަތުރުވެރިޔާ އެކަމަށް ދެކޮޅު ހެދުމުން އޭނާގެ އަތުގައި ހުރި ފައިސާއާއި އެހެނިހެން ގަހަނާ ފަދަ ތަކެތި ފޭރިގެންފައެވެ.

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ރޭޕްގެ މައްސަލަ އެންމެ ބޮޑު އެއް ޤައުމެވެ.

މި ކަމާ ނުރުހުން ފާޅުކޮށް ބޮލީވުޑްގެ ބަތަލާ ރިޗާ ޗައްދާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ ދަށު ދަރަޖައިގެ ބަޔަކު ނިސްބަތްވާ މުޖްތަމަޢަކަށް ނިސްބަތްވީތީ މިއަދު ލަދުގަންނަ ކަމަށެވެ. ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ދުލްކަރު ސަލްމާން ބުނެފައިވަނީ މިފަދަ ހާދިސާތަކަކީ އެއްވެސް ޤައުމެއްގައި އެއްވެސް މީހަކަށް ދިމާވެގެންވާނެ ހާދިސާއެއް ނޫންކަމަށެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޖިންސީ ފުރައްސާރައިގެ އިތުރުން އެކި ކަހަލަ ގޯނާކުރުމަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ވަރަށް އާއްމުކަމެކެވެ. އެފަދަ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދީ އެކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފިލްމީ ތަރިން ވަނީ އިންޑިއާގެ ސަރުކާރަށް ގޮވާލައިފައެވެ. މި އަމަލު ހިންގި ހަތް މީހުން ވީހާ ވެސް އަވަހަކަށް ހޯދާ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަވަސް ކުރުމަށް ކޮމީޑިއަން އެކްޓަރު ވީރް ދާސް ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް