ވިލިނގިލީ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާ

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. ވިލިނގިލީ ގެއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އުމުރުން 22 އަހަރުގެ އަންހެނެއްގެ ނުރުހުމުގައި ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ހިފަހައްޓައި، ތިން މީހުން ވެގެން އޭނާ ރޭޕްކުރި މައްސަލަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލާގައި ދައުވާ ކުރަނީ ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ, 30އ، އާއި، ވިލިނގިލީ ކެޔޮވިނަ އަހުމަދު ޝާލް, 20އ، އާއި ހަމަ އެ ރަށު މަލަސް މުހައްމަދު މާއިލް މިހާދު 23އ، ގެ މައްޗަށް ކަމަށެވެ.

މި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި، ހެކިބަސް ދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.

https://sun.mv/180202

އެ މައްސަލައިގައި އިބްރާހީމް ރިޒާ އާއި އަހުމަދު ޝާލް އާއި މުހައްމަދު މާއިލް މިހާދުގެ މައްޗަށް ކުރަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށް ސާބިތުވެއްޖެނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުންޏެވެ.

ހަމައެއާއެކު، ރޭޕްގެ ތުހުމަތަށް އިބްރާހީމް ރިޒާ ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ނަގައި ޓެސްޓު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ. ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތު ވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް ރިޒާގެ މައްޗަށް އަންނާނެއެވެ.

comment ކޮމެންޓް